މިމަހުގެ ކުރީކޮޅު އިންޑިއާގެ ޑޮކްޓަރުންވަނީ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ބަލި އާދަޔާ ހިލާފަށް ގިނައިން އެގައުމުގައި ފެތުރޭ ކަމުގެ އިންޒާރު ދޭން ފަށާފައެވެ.

މިބަލި ބޮޑަށް ފެންނަމުންދަނީ ކޮވިޑު ޖެހިފައި ނުވަތަ އެބަލިން ރަނގަޅުވެފައިވާ މީހުންގެ ކިބައިން ކަމުގައި އިންޑިއާ ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެގޮތުން ކޮވިޑު ޖެހި އަދި ކޮވިޑުގެ ބަލިން އަރައިގަނެފައިވާ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަން ޖެހޭ ފަދަ ބަލިތައް ހުރި، ހާއްސަކޮށް ހަކުރު ބަލީގެ މީހުންގެ ކިބައިން މި ބަލި ބޮޑަށް ފެނިފައިވާ ކަމުގައި އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގެ އެއްހާހަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ސަތޭކައެއްހާ މީހުން އެނދުމަތި ކޮށް 90 މީހުން މަރުވެފައިވާ ކަމުގައި އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާގެ ދެ ސްޓޭޓަކުން މިއީ އެޕިޑެމިކެއް ކަމަށް ކަނޑައަޅާފައިވާއިރު އިންޑިއާގެ ސަރުކާރުން ސަމާލުކަން ދޭންވީ ބައްޔެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ބްލެކް ފަންގަސް އަކީ ކިލާ ފެނުގައާއި ނުސާފު ތަންތަނުގައި ޖަހާ ފަންގަސްއެއްގެ ސަބަބުން ދިފާއީ ނިޒާމަށް ޖެހޭ ބައްޔަކަށް ކިޔާ ނަކެމެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެކި ވައްތަރުގެ ފަންގަސްގެ ސަބަބުންވެސް މިބައްޔަށް މަގުފަހި ކުރުވާނެ ކަމަށާއި މިއީ ކޮންމެ ފަހަރަކު ސިއްހަތަށް ނުރައްކާ ވާ ފަދަ ބައްޔަކަށް ނުވިނަމަވެސް، ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރަން ޖެހޭ މީހުންނަށް މިބަލިން ބޮޑުވަރު ވުމުގެ ފުރުސަތު އިތުރު ވާ ކަމަށް އެމެރިކާގެ ސެންޓާ ފޮރ ޑިސީސް ކޮންޓްރޯލު ސީޑީސީން ވަނީ ބުނެފައެވެ.

ފަންގަސް ހަށިގަނޑަށް ވަނުމަށް މަގުފަހި ކުރުވާ ގޮތަށް ބަލާއިރު އެތެރެއަށްލާ ނޭވާއާ އެކު ފަންގަލް ސްޕޯސް ހަށިގަނޑަށް ވަދެ ސައިނަސް އާއި މެއަށް ފެތުރިގަންނަ ކަމަށާއި، މީގެ އިތުރުން ހަންގަނޑުގެ ކަނޑައިގެންގޮސް ނުވަތަ ހަލާކު ވެފައި ހުރި ތަނެއްގެ ސަބަބުން ހަންގަނޑަށް ވެސް މިބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ފަންގަސް ހަށިގަނޑުގައި ހުންނަ ހިސާބެއްގެ ގޮތުންނާއި ގިނަވެގެންދާ މިންވަރަށް ބަލައި ހަށިގަނޑަށް ނުވަތަ އެގުނަވަނަކަށް ބޮޑުވަރުވެގެން ދެއެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި މޫނު ދުޅަވުމާއި، ހުން އައުން، ހަށިގަނޑުގައި ފާރު އުފެދުން، އަނގަމަތީ ކަޅު ކުލައިގައި ހުންނަ ދޮސް ލުން ހިމެނެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން ނިތްކުރި، ނޭފަތް، ކޯތާފަތްގަނޑު، ދެލޮލާއި ދަތްތަކުގެ ދެމެދުގައި ވަކީން ބޮޑަށް މި ބަލި އާލާވެގަނެއެވެ. އަދި އެއަށްފަހު ލޮލަށާއި، މެއަށް ބަލި ފެތުރި ސިކުނޑިއަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުކޮށްދެއެވެ. އެއަށްފަހު ނޭފަތް މަތި ކަޅުވުން ނުވަތަ ކުލައަށް ބަދަލު އައުން، ލޮލުގެ ފެނުން ފުސްވުން، މޭގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ކެއްސާ އިރު ލޭ އައުން ހިމެނެއެވެ.

މުމްބާއީގެ ބްރީޗް މެޑިކަލް ހޮސްޕިޓަލުގެ ޑރ. ހެމާންތު ތޭކަރު ވިދާޅުވެފައިވާ ގޮތުގައި ލޭ ދައުރުކުރާ ނާރުތަކުގެ ތެރެއިން މިއުކޯމައޯސިސް ހަށިގަނޑަށް ފެތުރިގެންދެއެވެ. އޭގެ ސަބަބުން ހަންގަނޑުގެ ޓިޝޫތައް މަރާލައި ކަޅުވެގެންދާ ކަމަށާއި ގިނަ ފަހަރަށް ލޭގެ ނާރުތަކުން ފެށިގެން ސިކުނޑިއާއި ހަމައަށް ބަލި ފެތުރި ލޮލުގެ ފެނުމަށް އަސަރު ކުރުވައި މޫނުމަތީގައި ބާގަނޑެއް އުފެއްދުމަށް މަގުފަހިކުރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިބަލި ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ، އާބާދީގެ 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން މި ބަލީގައި މަރުވެދާނެ ކަމުގެ އިންޒާރުވެސް ޑޮކްޓަރުވަނީ ދީފައެވެ.

މި ބައްޔާ ބެހޭގޮތުން 2005 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި 1885 ވަނަ އަހަރުން ފެށިގެން މިބަލި ޖެހިފައިވާ 929 މީހެއްގެ ތެރެއިން 54 ޕަސެންޓް މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ.

މި ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުވަނީ ކޮން ޒާތެއްގެ ފަންގަސްއެއްގެ ސަބަބުން ކަމާއި ހަށިގަނޑުގެ ކޮން ސަރަހައްދަކަށް ޖެހިގެން ކަން ވެސް ސީޑީސީގެ ރިޕޯޓުގައި ވެއެވެ. މިސާލަކަށް ސައިނަސް އަށް އަސަރު ކުރާ މީހާއަށްވުރެ މެއަށް ބަލި ފެތުރިފައިވާ މީހާއަށް ބަލީގައި ބޮޑުވަރު ވެއެވެ.

ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން، އޭގެ ތެރޭގައި ކޮވިޑު ޖެހިފައިވާ މީހުންނާއި ހަކުރު ބަލީގެ މީހުން، ދިގު މުއްދަތަށް ބޭސްކާ މީހުން، ކެންސަރަށް ފަރުވާ ހޯދާ މީހުން އަދި ގުނަވަނެއް ބަދަލުކޮށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް މިބަލި ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.

އޮކްސިޖަންގެ ފަރުވާ ހޯދަމުން އަންނަ ކޮވިޑު ބަލީގެ މީހުންނަށް އައިސީޔޫގެ ތެރޭގައި ވައި ދައުރުކުރުމަށް ހިއުމިޑިފަޔާސް ބޭނުންކުރާއިރު އޭގެ ސަބަބުން މިފަދަ ފަންގަސް ވައިގެ ތެރޭގައި ދައުރުކޮށް ހަށިގަނޑަށް ވާސިލުވުމުގެ ފުރުސަތު އިތުރުވާ ކަމަށްވެސް ސީޑީސީން ބުނެ އެވެ.

ހަށިގަނޑުގައި ހަކުރު ނިސްބަތުން އިތުރުވުމާއި އަދި ކޮވިޑަށް ފަރުވާކުރުމުގައި އެންޓިބައޮޓިކްސް އިތުރުވުމުގެ ސަބަބުން އެފަދަ މީހުންގެ ހަށިގަނޑަށް ބްލެކް ފަންގަސް ވަނުމުގެ ފުރުުސަތު އިތުރު ވާ ކަމަށާއި އެހެން ނަމަވެސް ހަކުރު ބަލި ނުހުންނަ މީހުންގެ ކިބައިން މި ބަލި ފެންނަ މިންވަރު މާބޮޑަށް އިތުރުވެފައި ނުވާ ކަމަށް ވެސް މިހައިތަނަށް ހޯދިފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

އިންޑިއާގެ ގައުމީ ސިއްހީ ހިސާބުތަކަށް ބަލާއިރު އެގައުމުގެ އާބާދީގެ 12 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން އެކި މިންގަނޑުތަކުގައި ހަކުރު ބަލި ތަހައްމަލު ކުރެ އެވެ. އިންޑިއާ އަކީ ނިސްބަތުން ހަކުރު ބަލީގެ މީހުން ގިނަ ގައުމެއް ކަމަށާއި، އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ފަންގަސް އުފެދުމުގެ ފުރުސަތު އިތުރުވުމުގެ ސަބަބުން އިންޑިއާގައި ބްލެކް ފަންގަސްގެ ބަލިމަޑުކަމެއް އުފެދުމަށް މަގުފަހި ވެފައިވާ ކަމަށް ވެސް ސިއްހީ މާހިރުން ބުނެ އެވެ. އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް ހަކުރު ބަލީގެ މީހުން ދެވަނައަށް އެންމެ ގިނަ ގައުމެވެ. ހަކުރު ބަލީގެ މީހުން އެންމެ ގިނައީ ޗައިނާގަ އެވެ.

ފަންގަސްއާއި ދެކޮޅަށް ބޭސްކުރާ އުސޫލުން މި ބައްޔަށް ވެސް ފަރުވާ ކުރެވޭ ކަމަށާއި އެގޮތުން އެމްފޮޓެރިސިން ބީ އަކީ މިބައްޔާ ދެކޮޅަށް އިންޑިއާގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ ބޭސް ކަމުގައި ސީޑީސީއިން ބުނެއެވެ.

ބައްޔަށް ފަރުވާކުރުމުގައި ބަލި މީހުންނަށް 6 ހަފުތާ ވަންދެން މި ބޭސް ބޭނުން ދީގެން ބަލިން ފަސޭހަ ވުމުގެ ފުރުސަތު އޮންނައިރު ބަލިން ފަސޭހަ ވުމުގެ ފުރުސަތު އިތުރުކޮށްދެނީ ކުރީކޮޅުގައި ބަލި ދެނެގަނެވި އަވަހަށް ފަރުވާ ކުރެވެން ފެށުމުންނެވެ.

ބައެއް ހާލަތްތަކުގައި މިބަލި ގުނަވަނަށް ފޯރާފައިވާ ބޮޑުމިނަށް ބަލައި އެ ގުނަވަނެއް ހަށިގަނޑުން ވަކި ކުރަން ޖެހޭ ހާލަތަށް ދެއެވެ. އެގޮތުން ބައެއް މީހުންގެ ކޯކަށިގަނޑުން ބައެއް ވަކިކުރުމާއި ލޯ ނަގަން ޖެހިފައި އެބަހުއްޓެވެ.

އެމްފޮޓެރިސިން ބީ ބޭހަށް އޮތް ޑިމާންޑު އިންޑިއާގައި ބޮޑުވެފައި ވާއިރު ހޮސްޕިޓަލުގައި މި ބޭސް ހުރީ ބޭނުން ޖެހޭ މިންވަރަށް ވުރެ މަދުން ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އެހެނީ މިހާބޮޑަށް އެ ބައްޔަށް ބޭސްކުރަން ޖެހިދާނެ ކަމަށް މީގެ ކުރިން ބެލެވިފައި ނުވާތީ އެވެ.

އިންޑިއާގެ ދެކުނު ތެލަންގަނާ ސްޓޭޓަށް ނިސްބަތްވާ ބާވްނާ ރެޑީ ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ބްލެކް ފަންގަސް ޖެހިފައިވަނީ ކޮވިޑުން ރަނގަޅުވަމުން އަންނަނިކޮށެވެ.

''ބައްޕަ ބަލިން ރަނގަޅުވަމުން އަންނަނިކޮށް މޫނު ދުޅަވާން ފެށީ. އަދި ދުޅަ ތިރި ނުވެގެން ޑޮކްޓަރު ލަފާ ދިނީ އިންޖެކްޝަން ޖެހުމަށް'' އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ ހޮސްޕިޓަލުގައި އެވަގުތު ބައްޕައަށް ފަރުވާކުރާނެ އެމްފޮޓެރިސިން ބީ ބޭސް ނެތްކަމަށާއި ސްޓޭޓުގެ ޗީފް މިނިސްޓަރަށް ދަންނަވައިގެން ބޭސް ހޯދަން ޖެހުނު ކަމަށެވެ. އަދި ފަރުވާ ކުރަން ފެށުމާއެކު ދުޅަ ތިރިކުރުމަށް ސައިނަސްގެ އެންޑޮސްކޮޕިކް ސާޖަރީއެއް ހަދަން ޖެހުނު ކަމުގައިވެސް އޭނާ ބުނެފައި ވެއެވެ.

އިންޑިއާގެ ކެމިކަލް އާއި ފާޓިލައިޒާސްއާ ބެހޭ ޖޫނިއާ މިނިސްޓަރެއް ކަމަށްވާ މަންސުކް މަންދަވްޔާ ވަނީ ބޭސް އުފެއްދުމުގެ ހުއްދަ އޮންނަ އެގައުމުގެ 6 ކުންފުންޏެއްގެ އިތުރުން އިތުރު 5 ކުންފުންޏަކަށް މިބޭސް އުފެއްދުމުގެ ފުރުސަތު މިހާރު ދެވިފައިވާ ކަން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަ އެވެ.

މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރޭލެއް ނިސްބަތުން މަދެވެ.

ސީޑީސީގެ ރިޕޯޓުގައި ވާ ގޮތުގައި، 1992-1993 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ސެން ފްރަންސިސްކޯގެ ލެބޯޓަރީ ރެކޯޑުތަކުން ދައްކާގޮތުގައި މި ބަލި ޖެހެނީ މިލިއަނަކުން އެންމެ 1.7 ޕަސެންޓު މީހުންނަށެވެ. ނަމަވެސް އިންޑިއާގައި މިބަލި ނިސްބަތުން ގިނަ ކަމަށާއި މިދިޔަ މާޗު މަހުގެ ތެރޭގައި މައިކްރޯއޯގަނިޒަމް އާއިގުޅޭ ޖާނަލްގައި ބަޔާންކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެހެން ތަންތަނާއި އަޅައިބަލާއިރު އިންޑިއާގައި ބްލެކް ފަންގަސް ބަލި ފެތުރުމުގެ ފުރުސަތު 70 ގުނަ އިތުރެވެ.

މީގެ ސަބަބުތަކުގެ ތެރޭގައި އިންޑިއާގައި ހަކުރުބަލީގެ މީހުން ނިސްބަތުން ގިނަވުން ހިމެނެއެވެ. ބްލެކް ފަންގަސް އަށް ފަރުވާ ހޯދާ މީހުންނަކީ ހަކުރުބަލީގެ ވެސް މީހުން ކަމުން ބަކި ދެނެގަތުމުގައި ވެސް މައްސަލަތައް ހުންނަ ކަމަށް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން އިންޑިއާ ފަދަ ހޫނު ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރު އަވަސްކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

ބްލެކް ފަންގަސް ޖެހިގެން މަރުވާ މީހުންގެ ރޭޓު އިންޑިއާގައި ނިސްބަތުން ގިނަ ވަނީ ސިއްހީ ރަނގަޅު ފަރުވާ ނުލިބޭތީ ކަމަށާއި ބަލީގެ ކުރީކޮޅު ފަރުވާ ހޯދަން ދާ މީހުން މަދުވުމަކީ ވެސް މީގެ އެންމެ މައިގަނޑު އެއް ސަބަބު ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއެވެ.

އިންޑިއާގެ ފަސް ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާ، މަދްޔަޕްރަދޭޝް، ހަރްޔާނާ، ޓެލަންގަނާ އަދި ގުޖަރާތުގައި މިބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް 3200 މީހުންނަށް ބަލި ޖެހިފައި ވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެންމެ ބޮޑަށް ބަލިފެތުރިފައިވާ މަހާރާޝްތުރާގައި 2000 މީހުންނަށް ބަލި ޖެހި 800 މީހުން އެނދުމަތިކޮށްގެން ފަރުވާދެމުން އަންނައިރު 90 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ގުޖަރާތުގެ 369 މީހުންނަށް ބަލި ޖެހި އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގުޖަރާތުގައި ފާއިތުވި 10 ދުވަހުގެ ތެރޭގައި މިބަލި ފެންނަ މީހުން ނިސްބަތުން އިތުރުވެފައިވާ ކަމަށް އެސްޓޭޓުގެ އަހުމަދު އާބާދު ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޑެންޓު ޖޭވީ މޯދީ ބުނެފައި ވެއެވެ. ބަލި ފެނިފައިވަނީ ކޮވިޑުން އަރައިގެންފައިވާ މީހުންގެ ކިބައިން ކަމުން މިއީ ފަރުވާ ކުރުމުގައި އިތުރު ތަކުލީފަކާ ކުރިމަތިކުރުވާ ކަމެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅީވެފައި ވަނީ މިއީ ފަރުވާތެރި ވާން ޖެހޭ ބައްޔެއް ކަމަށާއި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމުގައި މޯދީ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގައި ކޮވިޑުގެ ބަލިމަޑުކަން ޕީކަށް އަރައި ފަހަނަ އަޅާފައިވާއިރު، ބްލެކް ފަންގަސްގެ ސަބަބުން އިތުރު ގޮންޖެހުމަކާ އެގައުމު ވަނީ ކުރިތިލާން ޖެހިފައެވެ.