ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ނިރޮޅު މަގު ހަ ނަމްބަރު ގޯޅީގައި އަނިޔާތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ.

ވެއްޓިފައި އޮއްވައި ފެނިފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭނެތިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހުޅުމާލޭގެ އިމާރާތަކުން ރޭ ވެއްޓުނު ޒުވާނާގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެ ޒުވާނާ އޮތީ ލެއިން ތަތްތެޅިފައެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާ ދިޔައީ ހަޅޭވެސް ލަވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސަކުންނެވެ.