މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ކުޑައިމީސް ބަސް ބުނަމަކީ ދެރަ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި މިވަނީ، ކުރިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަހުމަދު އީސަ އާއި ޓޫރިޒަމް ދާއިރާއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާތީއެވެ. އެގޮތުން ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ރޫމް ބޯއީއެއްގެ ގޮތުގައި ހުރި މީހަކު މަޖިލިސް މެންބަރުކަމަށް ގެނައުމުން ވާނީ އެހެން" ކަމަށެވެ.
މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރި ނުވަތަ މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނީ އަމަލާ ލާޖައްސައި، ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށާއި އެކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
"ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރި/ މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނީ އަމަލާއި ލާޖައްސައި، ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް. އެކަން ބަލައެއްނުގަނެވޭ! ފަތުރުމުވައްޒަފުުންނަކީ ރާއްޖޭގެ އިގުތިސޯދުގެ ފަހުރުވެރި ދިފާއީ ބަތޮލުން." މިނިސްޓަރު ވިދާޅުވިއެވެ.
އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް، އޭނާ އަނިޔާކުރި ކަމަށް ތުހުމަތުކޮށް އަސްރާގެ އަވައްޓެރިއަކު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އިއްޔެ ފުލުހުން އެދުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެކަމުގެ އަމުރަކަށް އެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕީޖީ އޮފީހުން އެދުމުންނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އީސަ ހައްޔަރުކުރުމުގެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށެވެ.
އީސަ އިއްޔެ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އީސަ އިއްޔެ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އިސްތިއުފާ ދެއްވައިފައެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށް އެޕާޓީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު