އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ރާއްޖެއަށް ފުޅާކުރުމަށް ދެ މިލިއަން ޑޮލަރުގެ ގްރާންޓެއް ފޯރުކޮށްދިނުމަށް އެގައުމުން ފާސްކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ އިން އެންކޭއެން ރާއްޖެއަށް ފުޅާކުރުމަށް ދެ މިލިއަން ޑޮލަރުގެ ގްރާންޓެއް ފޯރުކޮށްދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އެންކޭއެން އަކީ އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ރިސާޗް ސެންޓަރުތައް ގުޅުވައިދޭ ހައި-ސްޕީޑް ބްރޯޑްބޭންޑް ނެޓްވޯކެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ވިލަރެސް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ސެންޓަ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިންނެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެންމެހާ ރިސާޗް އެންޑް ޑިވެލޮޕްމެންޓް އަދި ރިސާޗް އެންޑް އެޑިއުކޭޝަން މުއައްސަސާތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި-ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް (އެންއާރުއީއެން) ގާއިމުކުރުމަށް އެންކޭއެން އިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ އެންއާރުއީއެން އަށް އިންޑިއާގެ އެންކޭއެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މި އެއްބާރުލުމާއި އެހީގެ ސަބަބުން ރާއްޖޭގައި އަމިއްލަގޮތުން ދެމެހެއްޓެނިވި ސިފައެއްގައި ހައި-ސްޕީޑް ރިސާޗް އެންޑް އެޑީއުކޭޝަން ނެޓްވޯކެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޕްލެޓްފޯމް މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ކުރެވޭ ބައިނަލްއަގުވާމީ ދިރާސާތަކުގައި ހިއްސާވެ ކޮލެބޮރޭޓް ކުރުމަށް، ބައިނަލްއަގުވާމީ ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

"އާރުއީއެން ނެޓްވޯކް ވަސީލަތްތަކަށް އެކްސެސް ލިބިގެންދާނެ. އެންކޭއެންގެ ޕަބްލިކް ޕޯޓަލްތަކާއި ޕަބްލިކް ފޭސިން ސައިޓްތަކާއި ޑާޓާ ސެންޓަރުތަކަށް އެކްސެސް ލިބުމުގެ އިތުރުން ޕަބްލިކް އައިޕީގައި ކޮލެބޮރޭޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނަށް އެންކޭއެންގެ ވިއުގާ މެދުވެރިކޮށް ޔޫރަޕް، އެމެރިކާ، ނޯޑިކް އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނާ ގުޅާލެވޭނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.