ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ އިއުލާން ކުރި ޔޫރޯ ސްކޮޑުގައި އުމުރުން 31 އަހަރުގެ ތޯމަސް މުލާއާއި 32 އަހަރުގެ މެޓްސް ހުމެލްސް ހިމަނައިފިއެވެ.

ޖަރުމަނުން ޔޫރޯއަށް ގެންދާނެ 26 ކުޅުންތެރިންގެ ސްކޮޑު ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު، މުލާއާއި ހުމެލްސް ސްކޮޑުގައި ހިމަނާފައިވަނީ މެދުކެނޑުމަކަށް ފަހުގައެވެ. 2019 ވަނަ އަހަރުން ފެށިގެން ޖަރުމަނު ޓީމު އޯވާހޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯ ވަނީ އެ ދެކުޅުންތެރިން ގައުމީ ޓީމަށް ދެން ނުނަގާނެ ކަމަށް ކުރިން ބުނެފައެވެ. އެހެންނަމަވެސް އޭގެ ފަހުން ޓީމުގެ ނަތީޖާތައް ދަށްވެ ލޯ އަށް އޮތީ ދެވަނަ ވިސްނުމަކަށް ދާން ޖެހިފައެވެ.

މުލާގެ މީސް މީޑިއާގައި ލޯ ޓީވީން ފެންނަ މަންޒަރަކާއެކު ޕޯސްޓް ކޮށްފައިވާ ފޮޓޯއާއެކު ބުނެފައިވަނީ ގައުމީ ޓީމަށް އަލުން އެނބުރި އައިސްފި ކަމަށެވެ. ހުމެލްސްވެސް ވަނީ މީސް މީޑިއާގައި އޭނާ ގައުމީ ޓީމަށް އަނބުރާ ދިޔަކަން ޔަގީންކޮށްދީފައެވެ.

ޖަރުމަނުން ތާރީހު އިޔާދަކުރުމަށް މިފަހަރުގެ ޔޫރޯގައި ނަތީޖާ ރަނގަޅުކުރަން މަޖުބޫރެވެ. އެންމެފަހުން އޮތް ވޯލްޑް ކަޕުންވެސް ހިތި ގޮތަކަށް ޖަރުމަނު ކަޓައިގެން ދާން ޖެހިފައިވާ އިރު، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު ކުޅުނު ނޭޝަންސް ލީގު މެޗުގައި ސްޕެއިން އަތުން 6-0 އިން ބަލިވެފައިވެސް ވެއެވެ. އެ ބައްޔަކީ ވާދަވެރި މެޗެއްގައި އެ ގައުމު ވެފައިވާ އެންމެ ބޮޑު ބައްޔެވެ.

ހާލަތު ބަދަލުކުރުމަށް ލޯ ތަޖުރިބާރުކާރު ކުޅުންތެރިންނަށް ވިސްނާފައިވާ އިރު، މުލާއާއި ހުމެލްސްއަކީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ދެކުޅުންތެރިންނެވެ. ބަޔާންއާއެކު ލީގު ކާމިޔާބުކުރި މުލާ ވަނީ ސީޒަންގައި 11 ގޯލު ޖަހައި 18 އެސިސްޓް ހަދައިފައެވެ. ހުމެލްސް ވަނީ ޑޯޓުމަންޑާއެކު ކަޕް ކާމިޔާބުކޮށްފައެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ޔޫރޯ މުބާރާތުގައި ޖަރުމަނު ކުޅޭނީ ގްރޫޕް އެފް ގައެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ އިތުރުން އެންމެފަހުން ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލްވެސް އޮތީ އެ ގްރޫޕްގައެވެ. އޭގެ އިތުރުން ގްރޫޕް އެފްގައި އޮތީ ހަންގޭރީއެވެ.

ގޯލްކީޕަރުން: މެނުއަލް ނޯޔާ، ކެވިން ޓްރެޕް، ބާންޑް ލެނޯ

ޑިފެންޑަރުން: އެންޓޯނިއޯ ރުޑިގާ، މެޓްސް ހުމެލްސް، މެތިއަސް ގިންޓާ، ނިކްލަސް ސޫލޭ، އެމްރޭ ކޭން، ލޫކަސް ލޮސްޓާމަން، ރޮބިން ގޮސެންސް، ރޮބިން ކޮޗް، ކްރިސްޓިއަން ގުންތާ، މާސެލް ހަލްސްޓެންބާގް

މިޑްފީލްޑަރުން: ޖޯޝުއާ ކިމިކް، އިލްކޭ ގުންޑޮގަން، ކައި ހަވާޓްސް، ޓޯނީ ކްރޫސް، ލިއޯން ގޮރެޓްސްކާ، ލެރޮއި ސާނޭ، ޖޯނަސް ހޮފްމަން، ފްލޯރިއަން ނިއުހޯސް، ޖަމާލް މުސިއަލާ

ފޯވަޑުން: ޓީމޯ ވާނާ، ސާޖު ނަބެރީ، ތޯމަސް މުލާ، ކެވިން ވޮލާންޑް