ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައާ ގުޅޭގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
'ވަން' އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ މެންބަރު އީސައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން 'ވަން' އަށް ބުނީ، އެ ދެ މީހުން ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އަދި ރޭ އިތުރަށް އެ މައްސަލަ ހޫނުވެ ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނީ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަތް އިސްކުރިކަން އެނގިފައެއް ނުވެއެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވަނީ، އެ އަޑުތައް އިވުނު އަވައްޓެރިއެއް ކަން ވަނީ އެނގިފައެވެ.
އެކަމާ ގުޅޭގޮތުން މެންބަރު އީސަ އަދި އަސްރާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު