ވާހަކަ

ލޯބިން ބުނާހިތްވެޔޭ - 31

އާއިޝަތު ލިޔުޝާ

ދެފައިން ވާގި ދޫވެގެން ދިޔަ ވަގުތު ހަށިގަނޑު އަރިއަޅައިލިއެވެ. އެވަގުތު ފަހަތުން މީހަކު ގައިގައި ހިފަހައްޓައިލިކަން އިނގުނެވެ.

"އެއްވެސް ކަމެއް އަދި ގޯހެއްނުވޭ. ލަހެއްވެސް ނުވޭ. އަހަރެންގެ މާމަ ދަރިފުޅު ނިޔާވި ހަބަރު އަދި ޑޮކްޓަރުން ނުދެއްވާ. ކޮންމެ ކަމެއްވިޔަސް އެކަމެއް ވެގެންދާނީ އެންމެ ރަނގަޅަށް. ނޭވާ ހޮޅިއަށް އެޅިއްޖޭ ބުންޏަސް އަހަރެމެން އިންސާނުން އުންމީދު ކަނޑާލައިގެން ނުވާނެ. ހިތުގެ ވިންދު ކެނޑިއްޖޭ ބުނަންދެން ހިތްވަރު ކުރަންވާނެ. ކުރިންވެސް ބުނީމެއްނު ދެއްވަވާނީވެސް އެކަލާނގެ އަދި ގެންދަވާނީވެސް އެކަލާނގެ" އަހަރެން ގޮވައިގެން ގޮސް މަންމަ ކައިރީގައި ހުރި ގޮނޑީގައި ބައިންދަމުން މާމަ ވާހަކަދެއްކިއެވެ.

އެ ހުރިހާ ވާހަކަތަކެއް އަހަރެންނަށް އަޑުއިވެއެވެ. އެކަމަކު އެއިން އެއްވެސް ބަހަކަށް އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. އަހަރެންގެ ދުލުގައި ތަޅެއް ލެވިފައިވި ކަހަލައެވެ.

"ދުނިޔެގައި ކަންތައްތައް ދިމާވާނެ. މިތަނަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ޓެސްޓް ހޯލެއް ކަހަލަ ތަނެއް. އަހަރެމެންނަށް އޮތީ އެކަލާނގެ މެދުވެރި ކުރައްވާ އިމްތިހާނު ތަކުން ފާސްވޭތީ ގަދައަޅާ މަސައްކަތްކުރުން. ކީރިތި ޤުރުއާނުގައިވެސް އެތައް ފަހަރަކު އެކަލާނގެ ވަނީ ކެތްތެރިވުމަށް އަންގަވާފައި. އެހެންވީމަ މުސީބާތެއް ކުރިމަތިވީމަ ތެޅިފޮޅިގަންނަނީ ކީއްކުރަން" މާމަ ވާހަކަދެއްކިއެވެ.

"އާލިމް، ފަހުން ޑަކްޓަރުން ދެއްވި ހަބަރަކީ ކޮބާ؟" ގޮނޑި ކައިރީގައި ހުރި އާލިމް ކައިރީގައި މާމަ އެހިއެވެ. އާލިމްގެ މޭގައި ބޯއަޅާލައިގެން ހުރި ރީޝަމްއަށް ވެސް ހުރީ ރޮވިފައެވެ.

"ބުނީ ހަމަ ކޮންމެ ވަގުތެއްގައިވެސް ވިއާން....." އާލިމަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނާގެ އަޑު ކެނޑިއްޖެއެވެ.

"ބުނި އާއިލާ ކޮންމެ މެންބަރަކުވެސް ވަދެ ވިއާން ދެކިލާށޭ" ހިތްވަރުކޮށްލާފައި އާލިމް ބުނެލިއެވެ. އެހިނދު ތަނަށް ވެރިވެގެން ދިޔައީ މަރު ފަދަ ހިމޭން ކަމެކެވެ. މީހަކު ނޭވައެއްލާ އަޑުވެސް ނީވެއެވެ. ކުއްލިއަކަށް މާމަގެ އަޑުވެސް ބެދިއްޖެއެވެ.

"މަލް،" އާލިމް އަހަރެންނަށް ގޮވައިލިއެވެ. އާލިމް އެ ގޮވާލި ސަބަބު އަހަރެންނަށް ވިސްނުނެވެ. ވިއާނާ ވަދާއީ ސަލާންކުރަން އަހަރެން އެތެރެއަށް ވަންނަންވީ ވަގުތު ޖެހުނީކަން އިނގުނެވެ. އެކަމަކު އަހަރެންގެ ހަށިގަނޑަށް ކުޑަވެސް ލޮޅުމެއް ނައެވެ. ވިއާން ދެކިލަން އަހަރެން އިންތިހާއަށް ބޭނުމެވެ. އެކަމަކު ފަހު ފަހަރަކަށް ނޫނެވެ. އަހަރެން ބޭނުންވަނީ ވިއާން ދެލޯ ހުޅުވައިގެން އޮންނަތަން ދެކިލާށެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. އެތެރޭގައި އޮތީ ހިތުގެ ވިންދު ހިންގިޔަސް މަރުވެފައިވާ ފުރާނައެކެވެ. އަމިއްލަ ބާރުގައި ނޭވައެއް ބޭރުކޮށްލާނެހާ ހިތްވަރެއްވެސް އަހަރެންގެ ވިއާންގެ ނެތެވެ. އޭނާގެ ހަށިގަނޑާ ގުޅާފައިވާ ހޮޅިތަކަށް ބަރޯސާވެގެން އޮތުން ނޫންގޮތެއް މިވަގުތު ނެތެވެ. މާމަ ބުނި ފަދައިން ހެއްދެވިފަރާތާ ވަކީލުކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތެވެ.

"މަލް، ދާންވީނުން އާލިމް އާ އެކީގަ" އަހަރެންގެ ކޮނޑުގައި ހިފާލާފައި ރީޝަމް ބުނެލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލިއެވެ. އިރުކޮޅަކުން ވިއާން އައިސް ހިފީ ގަބުވެފައި އިން މަންމަ ދެއަތުގައެވެ. މަންމަގެ ކޮނޑުގައި ހިފާލައިގެން އައިސީޔޫ ދޮރާ ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ.

"އިހަށް މަޑުކުރޭ. އެންމެ ކުރިން އަހަރެން ވިއާނާ ބައްދަލުކުރަން ބޭނުން. އަހަރެން ބޭނުން އަހަރެންގެ މާމަ ދަރިފުޅު ކަންފަތް ދަށުގައި ޝަހާދަތް ކިޔަން" މާމަ ބުނެލިއެވެ. ވިއާން މަންމަ ގޮވައިގެން އެއްފަރާތަކަށް ޖެހުނެވެ. އެހިނދު މާމަ އެތެރެއަށް ވަދެގެން ދިޔައެވެ. މާމައަކީ ހިތްވަރުގަދަ މީހެއްކަން އާލިމަށް އިނގެއެވެ. އެހެންކަމުން އޭނާ އެވަގުތު ހުރީ މަންމަގެ ހިތްވަރަކަށް ވެގެނެވެ.

ފަނަރަ ވަރަކަށް މިނިޓް ފާއިތުވެގެން ދިޔަފަހުން ދޮރުން މާމަ ނިކުތްތަން ފެނުނެވެ. މާމަގެ މޫނު މައްޗަށް ވަކި ބަދަލެއް އައިސްފައިވާތަނެއް ނުފެނެއެވެ. ނިކުތްގޮތަށް މީހަކާ ބަހެއް ކިޔުމެއްނެތި އެންމެންނާ ދުރަށް ހިނގައިގަތެވެ. މާމަ ދިޔަ ދިމާލަށް ބަލަން ހުރެފައި އާލިމް މަންމަ ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. ތަނުގައި ބާކީ ތިބި މީހުން މާމަ އާ ގުޅުވައިގެން ބަސްތަކެއް އުކަން ފަށައިފިއެވެ.

"އަމިއްލަ ދަރިއެއް އެހާ ހާލުގައި އޮތްއިރު އޭނާ ހިއެއްނުވާ މާ ކަންބޮޑުވާހެނެއް" ގޮނޑި ބަރީގައި އިން މެދު އުމުރުފުރާގެ އަންހެނެއް ބުނެލި އަޑު އިވުނެވެ. އެމީހާގެ ޖުމްލައަށް ބާރު ދިނުމުގެ ގޮތުން ދެން ތިބި މީހުންވެސް އަނގަ ގަދަ ކުރަން ފެށިއެވެ. އެހެންނަމަވެސް އެމީހުން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދު ދޭނެ އެއްވެސް މީހަކު ނެތުމުން އެވާހަކަތައް ހުއްޓިއްޖެއެވެ.

"ކޮންތާކަށް މާމަ އެދިޔައީ" އަހަރެން ކައިރީގައި އިން ރީޝަމް އެހިއެވެ. ނޭނގެއޭ ބުނުމުގެ ގޮތުން އަހަރެންނަށް ދެކޮނޑު އަރުވައިލެވުނެވެ.

ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުން ދިޔައެވެ. ބަދަލުވަމުންދާ ކޮންމެ ހިނދުކޮޅަކާއެކު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އައިސީޔޫގެ ދޮރު ހުޅުވިގެންދާ ކޮންމެ ފަހަރަކު އަހަރެންނަށް ހީވަނީ ވިއާން ހީގަނެގެން ހުރެ ނިކުމެދާނެ ހެންނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމާއެކު އައިސީޔޫގެ ދޮރުން އަހަރެންގެ ނަޒަރު ވަކިވެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. އިރުއޮށްސެން ހުރީ ކުޑަ ވަގުތުކޮޅެކެވެ.

އެތެރެއިން ވިއާންގެ ނަން ގޮވައިލުމާއެކު އަހަރެންގެ މުޅި ނަފްސަށް ގުޑުން އަރައިގެން ދިޔައެވެ. ހިތް އަވަސްވެގެން ދިޔަ ގޮތުން މެއަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އާލިމް ގޮސް ދޮރުމަތީގައި ހުއްޓުމާއެކު އަހަރެންނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ޔަގީނެވެ. އެމީހުން އެ އުޅެނީ އަހަރެން ވިއާން މިފަނާކުރުވަނިވި ދުނިޔެ އާ އަބަދުގެ އަބަދަށް އަލްވަދާއު ކިއި ހަބަރު ދޭށެވެ. ބޭރަށް ނިކުތް ފިރިހެން ނަރުހެއް އާލިމަށް ބަލައިލުމާއެކު އަހަރެންނަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ.

"ނޫން...ނޫން...." އަހަރެންގެ ދެ ތުންފަތް ދޭތެރެއިން ބޭރުވެގެން ދިޔައެވެ. ދެފަރާތަށް ބޯހޫރަމުން ދެވުނީ އެ ހަގީގަތް ގަބޫލުކުރަަން ބޭނުންނުވާތީއެވެ. އަހަރެންގެ ރުއިމުގެ އަޑުގެ ތެރެއަށް މަންމަގެ ރުއިމުގެ އަޑު އެކުވެގެން ދިޔައެވެ. އަހަރެން ކައިރީގައި ހުރި ރީޝަމް ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދާލައިފިއެވެ.

"މަލް، އޭތް... " އަހަރެންގެ ދެކޮނޑުގައި ހިފާފައި އާލިމް ތަޅުވައިގަތެވެ. އަހަރެންނަށް ހޭވެރިކަމެއް ވިއިރު އަހަރެންނާ ދާދި ކައިރީގައި އާލިމް ހުއްޓެވެ. ތަނުގައި ތިބި މީހުންގެ ނަޒަރު އަހަރެންނަށް އަމާޒުވެފައި ވިއެވެ.

"އެއްވެސް ކަމެއް އަދި ގޯހެއްނުވޭ. ނަރުހެއް ނިކުތީ. ބޭސް ސިޓީއެއް ހަވާލުކޮށްފައި އެދިޔައީ" އާލިމް ބުންޏެވެ. އަދި އަހަރެން ގޮވައިގެން ގޮސް މަންމަ ކައިރީގައި ބޭންދިއެވެ. އަހަރެން އިށީނުމާއެކު މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. މީހުންގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އަހަރެންނަށް ދެލޯ މަރައިލެވުނެވެ. ނުބައި ޝައްކުތަކާ ވަހުމްތަކުން އަހަރެން ހިތް ގެނބެމުން ދަނިކޮށް ކުއްލިއަކަށް ވިއާންގެ ބެލެނިވެރިޔަކަށް ގޮވުމުން އަހަރެންނަށް ހީކުރެވުނީ މުޅިން ގޯސްކޮށެވެ. ރަނގަޅު އެއްވެސް އެއްޗެއް އަހަރެންގެ ހިތަކަށް ނާރައެވެ.

ދެލޯ ކައިރި ފޮހެލާފައި އަނެއްކާވެސް އަހަރެން ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ދިޔައިމެވެ. މަންމަގެ އަތްތިލަ އާ އަހަރެންގެ އަތްތިލަވީ ގުޅިލާ މެހިފައެވެ. މާމަ ވީ ތަނެއްވެސް ނޭނގެއެވެ. ލައިގެން ހުރި ހައުސްކޯޓުގެ ޖީބުން ފޯނު ނަގާފައި ބަލައިލާފައި އަނެއްކާވެސް ފޯނު ޖީބަށް ލި ތަން އަހަރެންނަށް ފެނުނެވެ. ގުޅަނީ ކޮން ނަންބަރަކުން ކަމެއް ސާފެއް ނުވިއެވެ. މަންމައާ އިތުރު ސުވާލެއްނުކޮށް އިންދާ އެކަން ދެތިން ފަހަރަށް ތަކުރާރު ވެލިއެވެ. އަހަރެން މަންމައާ ސުވާލުކުރީ ދެނެވެ.

"މަންމާ، ކާކު އެގުޅަނީ؟" އަހަރެން އެހީމެވެ.

"އަހަރެެންގެ މިދުނިޔޭގައި ތިބީ ތިން މީހުން. އެކަކު އެއީ އަހަރެން އެންމެ ފުރަތަމަ އިން މީހާގެ މަންމަ. ދެން ތިބޭނީ އަހަރެންގެ އަންހެން ދަރިފުޅާ ފިރިހެން ދަރިފުޅު" އަސަރާއެކު މަންމަ ބުނެލިއެވެ.

"ކީކޭ ތިކިޔަނީ މަންމާ؟" ގޮނޑީގައި ހަށިގަނޑު ސީދާކޮށްލާފައި އަހަރެން އެހީމެވެ.

"އަހަރެން ހުރިތަނެއް ހޯދަން ޒިޔާނަކަށް ނުޖެހޭނެ. އަހަރެން ޒިޔާން ކިޔައި ދަރިއެއް ވިހެއިން. އެކަމަކު މިހާރު ދުނިޔޭގައި ނެތް" މަންމަ ވާހަކަދެއްކިއެވެ.

"ތިހެން ނުބުނޭ މަންމާ. ޒިޔާން ގޯސް. ވަރަށް ގޯސް. އެކަމަކު ވިއާނަށް އެ ދިން ހަމަލާގައި ޒިޔާންގެ އަތެއްވާ ކަމަށް އަޅުގަނޑަކަށް ހިއެއްނުވޭ. މިހެން މިބުނީ ރޭގައި ފުލުހުން ބުންޏެއްނު އެމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޒިޔާނެއް ނެތޭ. އެހެންވީމަ މިބުނީ" އަހަރެން ވާހަކަދެއްކީމެވެ.

"މަލް ތިއީ ކޮންކަހަލަ އިންސާނެއް؟ ނުލާހިކު ރީތިކޮށް ވާހަކަދައްކައި ހަދާފައި ފުރަގަސް ދިނުމާއެކު ބުރަކައްޓަށް ވަޅި ހެރިޔަސް މަލްއަށް އެމީހަކު ގޯހެއް ނުވާނެ. ތި ވިސްނުން ބަދަލުކުރަންވެއްޖެ. މީހުންނާ މެދު އެހާ ރަނގަޅަށް ވިސްނާކަށް ނުވާނެ. މިޒަމާނަކީ އާއިލާ މީހުންނަށްވެސް އިތުބާރު ނުކުރެވޭ ޒަމާން. ޒިޔާނަކީ މަންމަގެ ދަރިއެއް. ވިއާނަށް ވުރެ ގިނަ ވަގުތު މަންމަ ހޭދަކުރީވެސް ޒިޔާނާ އެކު. ބަސްއަހާ ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި ހުރެފައި ކުއްލިއަކަށް އެސޮރު ބަދަލުވެގެން އައި ގޮތް ވެސް އެންމެ ގާތުން ފެނުނު މީހަކީ މަންމަ. ވިއާނަށް އެދިން ހަމަލާގެ އަޑީގައި ހުރި މީހަކީ ޒިޔާންކަން އެއީ މަންމަގެ ހަލާލު ދަރިންކަން ޔަގީންވާ ފަދައިން މަންމައަށް ޔަގީން. މަންމައަށް ގަބޫލުކުރެވޭ ޒިޔާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން" މަންމަ ވާހަކަދެއްކިއެވެ. އަހަރެންގެ ތުނބުގައި ތަޅެއް ލެވިއްޖެއެވެ. އެއީ ޒިޔާންގެ ކަމެއް ކަން އެތައް ފަހަރަކު އަހަރެންގެ ސިކުނޑި ބުނެދިނެވެ. އެހެންނަމަވެސް އެ މައްސަލައިގައި ފުލުހުންގެ ބަންދުގައި ޒިޔާން ކިޔާ މީހަކު ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ގަބޫލުކުރަން ދަތި ވަނީއެވެ.

"މާޖިދާއްތަ އެބުނީ ތެދެއް. އަސްލު އެކަމުގައި މަލްވެސް ގޯހީއެއް ނޫން. އަސްލު ފުލުހުންގެ އިހުމާލު އެއީ. ކިތަންމެ ބޮޮޑު ކުށެއްގަ ހައްޔަރުކޮށްފައިވެސް އެއްވެސް ހެއްކެއްނެތޭ ކިޔާފައި ދޫކޮށްފާނެ. އެމީހުންނަށްނަކަށް ނޭނގޭ މުޖްތަމައު ތެރެއަށް ދޫކޮށްމިލެވެނީ އެހެން މީހުންނަށް ހުރި ބޮޑު ނުރައްކަލެއް ކަމެއް. އަނެއްކާވެސް އެމީހާ އަތުން އިތުރު ގޯހެއް ނުހިނގާހާ ހިނދެއްގައި އެމީހާއަށް މިނިވަންކަން އޮންނާނެ" ރީޝަމް ވާހަކަދެއްކިއެވެ.

"ދެން ނޭނގެ. އެއީ ޒިޔާންގެ ކަމަކަށް ވިޔަސް އަދި އެހެން މީހެއްގެ ކަމަކަށް ވިޔަސް އެމީހަކަށް ހައްގު އަދަބު ލިބެންޖެހޭނެ. އެމައްސަލައިގައި ދައުވާ ކުރެވެންޖެހޭނެ" އަހަރެން ބުނީމެވެ.

"ދެން ހިނގާ އެއްޗެއް ކާން ދަމާ. ހެނދުނުން ފެށިގެން މިތަނުގަ އެންމެ ތި ތިބެނީ. ފެންފޮދެއް ބުއި ތަނެއްވެސް ނުފެނޭ. ހިނގާ ކުޑަކޮށް ބޭރަށް ނިކުމެލަމާ" ރީޝަމް ވާހަކަދެއްކިއެވެ.

ރީޝަމް އެބުނީ ތެދެކެވެ. އާލިމް ދިން ކޮފީ ތަށި ނޫނީ އިތުރު އެއްވެސް އެއްޗެއް އަހަރެންގެ ގޮހޮރަށް ނުލަމެވެ. ބަނޑުހައިހޫނު ކަމުގެ އިހުސާސް ކުޑަކޮށްވެސް ނުވަނީއެވެ. ފާހާނާއަށް ދާންޖެހޭ ކަހަލަ އިހުސާސެއްވެސް ނުވެއެވެ. ދުވަސް ދިޔަ ގޮތެއްވެސް ނޭނގެއެވެ.

"އަހަރެން ކާހިތެއް ނެތް" މަންމަ ބުނެލިއެވެ. އަހަރެންނަށް މަންމައަށް ބަލައި ލެވުނެވެ. މަންމަގެ ދެލޮލަށް ކަރުނަ ޖަމާވެފައި ހުރިތަން ފެނުނެވެ. އެތެރެއަށް ނޭފަތް ދަމައިލާފައި ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް މަންމަ ހިންދާލިއެވެ.

"ތިހެން ނުބުނޭ. ކީކޭ މާމަ ބުނީ. އަބަދުވެސް ވިސްނަންވާނީ ރަނގަޅަށޭ. އެއްވެސް ކަމެއް އަދި ގޯހެއް ނުވެއޭ. ޑޮކްޓަރު އެހެން ބުނި ފަހުންވެސް ކިހާ ވަގުތެއް މި ދިޔައީ. އަސްލު އަހަރެމެންގެ އީމާންތެރިކަންވެސް ކުޑައީ. ކަމެއް ވާއިރަށް މާބޮޑަށް ހެއްދެވިފަރާތަށް އޮންނަ އިތުބާރު ކުޑަކޮށްލެވެނީ" ރީޝަމް ވާހަކަދެއްކިއެވެ.

"ރަނގަޅު ވާހަކައެއް ތިބުނީ. މީހަކާ އަނގައިން ނުބުނެ ހިމޭނުން އިނީމަ އަޅުގަނޑުގެ ސިކުނޑީގެ މައްޗަށް ޝައިތާނާ ވެރިވެގަންނަނީ. ނުބައި ވެގެންވާ ހުރިހާ ވަހުމްތަކާ ޝައްކުތަކެއް އެސޮރު އަޅުގަނޑުގެ ސިކުނޑިއަށް ވައްދަނީ. އަޅުގަނޑަށް ދައްކަނީ ހަގީގީ މަންޒަރެއްނޫން. ދެންމެގަވެސް އަސްލު އެހެންވީ. މީހުން ބަލާ ވަރުން ލަދުވެސްގަތް" އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަނގަ ހުޅުވައިގެން ވާހަކަދައްކަން ފެށުމުން ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ.

"ހިނގާ ނަމާދުކޮށްލަން ދާން. އަހަރެމެންނަށް ރަނގަޅު ގޮތް މެދުވެރިކުރައްވާނީ އެކަލާނގެ އެންގެވި ގޮތަށް އަހަރެމެންވެސް އުޅެގެން. މިކަމަކާ ހެދި އަސުރު ނަމާދުވެސް އަތުން ވީއްލިގެން ހިނގައްޖެ" އަހަރެން ބުނީމެވެ. އަދި ގޮނޑިން ތެދުވެފައި މަންމަ ގޮނޑިން ނަގަން އެހީވީމެވެ. ރީޝަމް އާލިމް ކައިރިއަށް ހުއްޓިފައި އަހަރެމެން ކުޑައިރުކޮޅަކު ބޭރަށް ނިކުމެލާ ވާހަކަ ބުންޏެވެ.

"މަންމާ، އަސްލު މާމަ މިއީ ހާދަ ތަފާތު މީހެކޭ. އަޅުގަނޑު ދުވަހަކުވެސް މާމަ ރުއި ތަނެއް ނުދެކެން. މާމަގެ ހިތަށް އަސަރު ނުކުރަނީތަ؟ ނޫނީ މާމަ ކެތްގަދައީތަ؟" ތިން މީހުން އެއް ހަމައެއްގައި ހުރެ ހިނގާފައި ދަމުން އަހަރެން އެހީމެވެ.

"މަންމައަކީ ވަރަށް ކެތްގަދަ އަންހެނެއް. މަންމަ ހުންނާނީ އަބަދުވެސް މަރަށް ތައްޔާރުވެގެން. އަލަމާރީގައި އަބަދުވެސް ގެންގުޅޭނެ ކަފުނާ އެއްޗެހި. އެއްދުވަހަކު ވިއާންގެ ބައްޕަ ކަނޑުމަތީގައި ބޮޑު އަނިޔާއެއްވެގެން ކުއްލި ހާލަތުގަ މާލެ ގެންނަން ޖެހުނީ. ހުރިހާ ޑޮކްޓަރުން އުންމީދު ކަނޑާލި. އެދުވަހުވެސް މަންމަ ވަރަށް ރުއިން. ރޯނެއްނު. އޭގެ ދެ ދުވަހެއް ކުރިން މަންމަ ވިއާނަށް ބަލިވެ އިންކަން އިނގުނީ. އެދުވަހުވެސް މަންމަ ދެލޮލުން އެންމެ ކަރުނައެއް ވައްޓައިލިތަނެއް މަންމަ ނުދެކެން. ރުއި ތަން އެއް ދުވަހު ދެކުނިން. ވިއާންގެ ބައްޕަ މަންމައަށް ބާރަށް އެއްޗެއް ބުނި ދުވަހު" މަންމަ ވާހަކަދެއްކިއެވެ.

"ހަގީގަތުގަ މާމަވެސް ދެރަވާނެ. ހިތެއް އޮންނާނެ ދޯ މާމަ އަތުގައިވެސް. ވިސްނަބަލަ. ތި ދެމީހުން ރޮއެރޮއެ ބަލިވާ މަންޒަރު ބަލަން ވަކި މާމައަށް ހުރެވޭނެތަ؟ އެންމެން ބަލިކަށިވާ ވަގުތު ކޮންމެސް އެކަކު ހިތްވަރާއެކު ކޮޅަށް ތެދުވެގެން ދޯ ކުރިއަށް ދާންވީ މަގު ފެންނާނީ" ރީޝަމް ވާހަކަދެއްކިއެވެ.

ވާހަކައިގައި ތިބެފައި އަހަރެމެންނަށް ފާހާނާ ބަރިތަކާ ހަމައަށް ދެވިއްޖެއެވެ. ވުޟޫ ކޮށްލައިގެން ނިކުމެ ހުރިހާ މީހުން މިސްރާބު ޖެހީ މިސްކިތާ ދިމާލަށެވެ. އޭރު އިޝާ ނަމާދުން ފަސްވިތާ ކިތަންމެ އިރެކެވެ. އަންހެނުން ތިބި ބަޔަށް ވަތްތަނާ ފެނުނު މަންޒަރަކުން އަހަރެމެންނަށް ހުއްޓެވުނެވެ. ދިމާ މެދުގައި ދެއަތް ނަގައިގެން އޭނީ މާމައެވެ. އަހަރެންނަށް މޭގައި އަތް އެޅުނެވެ. ހޮސްޕިޓަލުން މާމަ ގެއްލުނު ފަހުން ދިހަ ގަޑިއިރަށް ވުރެ ގިނައިރު ވެއްޖެއެވެ. އެހުރިހާ އިރު މާމަ އިންނަނީ މިތަނުގަ ހެއްޔެވެ؟ މާމަ ބަނޑުހައިވެސް ނުވަނީ ހެއްޔެވެ؟ ކައިރީގައި ބަހައްޓާފައި ހުރިި އެކެއް ޕޮއިންޓް ފަސް ލީޓަރު ފެންފުޅި ފެނުނީ ފަހުންނެވެ. އަހަރެން މަންމައަށް ބަލައިލީމެވެ. މަންމަ އާ ރީޝާމްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ.

އެތެރެއަށް ވަދެ އަހަރެމެން ނަމާާދު ކުރީ މާމަގެ ފަހަތުގައި ތިބެއެވެ. ދުއާކޮށް ނިންމާލާފައި މާމަ ފަހަތަށް އެނބުރުނު ވަގުތު އަހަރެމެން ފެނުމުން ހީލިއެވެ. މާމަގެ މޫނުމަތީގައި ވަނީ ތާޒާ ކަމެވެ. ކަންބޮޑުވުމެއް ހާސްކަމެއް ނެތެވެ. ކައިރީގައި އޮތް މާމަގެ ދަބަހުން ނެގި ކުޑަ މުސްހަފް ހުޅުވާލާފައި މާމަގެ ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ. އެއަށްފަހު ދެފައި ކުރިއަށް ދަމައިލާފައި އެއްފައި މައްޗަށް އަނެއް ފައި އެއްލާފައި ހަމަޖެހިލިއެވެ.

"މުޅި ގުރުއާނަކީވެސް ދުއާއެއް. އެހެންވީމަ އަހަރެމެން ދެމިތިބެންވާނީ ގުރުއާން ކިޔެވުމުގައި" މާމަ ބުނެލިއެވެ. މާމަގެ އެ ޖުމްލަ ރައްދުވާ ބަޔަކީ އަހަރެމެންކަން އިނގުނެވެ. އެހެންކަމުން އަހަރެމެންވެސް ފޯނުތަކުން ގުރުއާން އަޅުވައިގެން ކިޔެވުމުގައި ބާކީ ވަގުތުތައް ގުނަމުން ދިޔައިމެވެ.

ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށް މިސްކިތުން ނިކުމެގެން މަގުމައްޗަށް ނިކުމެ މަގުމަތީގައި މަޑުކޮށްލައިގެން ތިބީ އޯޑަރު ކުރި ތަނުން ކާއެއްޗެހި ގެންނަންދެކަށެވެ. އެކަމުގައިވެސް މާގިނަ ވަގުތު ހޭދަކުރާކަށް ނުޖެހުނެވެ. ކޮތަޅު ހިފައިގެން އައިސީޔޫ ކައިރިއަށް ދިޔައިރު އާލިމް ފެންނަން ނެތެވެ. ރީޝަމް އާލިމްގެ ފޯނަށް ގުޅިއެވެ. ޖަވާބެއް ނުދިނެވެ.

އިރުކޮޅަކުން ފެނުނީ ހުޅުވުނު ދޮރުން ބޭރަށް އާލިމް ނިކުތް ތަނެވެ.

"ކިހިނެއްވީ؟ އަހަރެން އެހީމެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ހިތް ތެޅިލިއެވެ. ނުބައި ހަބަރަކަށް ނުވުމަށް އެދި ހިތާހިތުން ދުއާއެއް ކޮށްލެވުނެވެ.

"ގޮވައިލީމަ ވަނީ. އައިތަނުން ބުނެފި އެތެރެއަށް ވަންނާށޭ. ވާހަކަދެއްކުނީ ވިއާންގެ އަސްލު ޑޮކްޓަރާ. ބުނި ލޯ ހަރަކާތްކުރާ ވާހަކަ. އެއީ ވަރަށް ރަނގަޅު އިމްޕްރޫވްމަންޓެކޭ ބުނީ. އެކަމަކު ފަހުން ފާއިތުވެގެން ދިޔަ ވިއްސަކަށް މިނިޓް ވަރަށް ރަނގަޅަށް މޮނިޓާ ކުރެވުނޭ. ފަހުން އެއްވެސް މޫވްމަންޓެއް ނުފެންނަ ކަމަށް ބުނީ" އާލިމް ވާހަކަތައް ކިޔައިދިނެވެ. ވަގުތުން އަހަރެންނަށް ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ.

ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ގެއަށް ވަދެވިއްޖެއެވެ. ކޮޓަރިއަށް ވަންގޮތަށް އަހަރެންނަށް އެނދުމައްޗަށް ވެއްޓި ގަނެވިއްޖެއެވެ. ނުނިދާ ސައުވީސްގަޑަ އިރު ފާއިތުވެގެން ދިޔައިރު އަހަރެންގެ ހަށިގަނޑަށް ލޮޑުކަމެއް ވެރިވާން ފަށައިފިކަން އިހުސާސްވިއެވެ. ނިދަން ބޭނުން ނުވިޔަސް އެނދުގެ މަޑު ތަންމަތީގައި ބުރަކަށި ސީދާވުމާއެކު އަހަރެންގެ ދެލޯ މެރިއްޖެއެވެ.

ހޭލެވުނީ ގައިދަށުން ފޯނު ވައިބްރޭޓް ވާތީއެވެ. ދެލޯ ހުޅުވަލާފައި އެންމެ ފުރަތަމަވެސް އަހަރެން ބަލައިލީ ކާކުތޯއެވެ. އަރާފައި އިން ޒިޔާންގެ ނަން ފެނުމުން އަހަރެންގެ ދެލޮލުން ނިދި ފިލައިގެން ދިޔައެވެ. ރުޅިވެރިކަން އަހަރެންގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ. ޒިޔާނާ ދިމާލަށް ހަޅޭއްލަވައި ގަންނަން ބޭނުންވިއެވެ. އެނދުމަތީގައި އިށީނދެވުނު ގޮތެއްވެސް ނޭނގުނެވެ.

"ކަލެއަށް މި ފޯނަށް ގުޅަން ކެރުނުކަން. ލަދެއްވެސް ނުގަނޭތަ؟" ފޯނު ކަންފަތުގައި ޖަހާފައި އަހަރެން ބުނީމެވެ.

"ހެހެހެ... އަދިވެސް މަރެއް ނުވޭތަ؟ އެވަރުކުރީމަވެސް" ޒިޔާން ބުނެލިއެވެ. އެހިނދު އަހަރެންގެ ހަށިގަނޑުގައި ރުޅިވެރިކަން އުތުރު އަރައިގަތެވެ. އަތުޖެހޭ ހިސާބެއްގައި ހުރިނަމަ މޫނުމަތިން ލޭކޮށާލާނަމޭ ހިތަށް އެރިއެވެ. ރުޅިވެރިިކަން ހިންދާލަން މަސައްކަތް ކުރަމުން ފޯނު ކަންފަތާ ދުރުކޮށްލާފައި ވަގުތުން ކޯލް ރިކޯޑީންއަށް ފިތާލީމެވެ.

"ތިއީ ޖަނަވާރެއް. ބުއްދިއެއް ދެއްވާފައިނުވާ މިނިކާ ޖަނަވާރެއް. އިންސާނެއްނަމަ، ދުނިޔޭގެ ކަމެއް އިނގޭ މީހެއްނަމަ އިނގުނީސް ކޮންމެ އިންސާނަކުވެސް ގެންދަވާނީ އެމީހެއްގެ އަޖަލު ހަމަވީމަކަން" އަހަރެން ބުނީމެވެ.

"ބޭކާރު ވާހަކަނުދައްކާ. ސަލާމަތްވެގެން އަދިވެސް އަޔަސް ކޮށާލާނަން" ޒިޔާން ބުނެލިއެވެ.

"މިދުނިޔޭގައި ކަލެއާ މަށާ އެކަނި ހުންނަން ޖެހުނަސް އަހަރެން ކަލޭ ކައިރިއަކަށް ނުދާނަން. ޖަލަށް ވަންނަން ތައްޔާރުވޭ" އެހެން ބުނެފައި އަހަަރެން ފޯނު ކަނޑައިލީމެވެ.

ހަމަޖެހުމުގެ ނޭވައެއް ނުލެވިގެން އުޅެނިކޮށް އާލިމްގެ ފޯނެއް އަންނަން ފެށިއެވެ. އަހަރެން ފޯނު ނަގާފައި ކަންފަތާ ކައިރިކޮށްލިއިރު އެހެންފަހަރުތަކާ ހިލާފަށް ހިތުގައި ބިރުވެރިކަމެއް ނެތެވެ.

"ވަޓްސް ރޯންގް އާލިމް" އަހަރެންނަށް ބުނެވުނެވެ. އާލިމް އެދުނީ މާމަމެން ގޮވައިގެން ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް އައުމަށެވެ.

(ނުނިމޭ)