ކަރިމް ބެންޒެމާ

ބެންޒެމާ އެނބުރި ފްރާންސް ސްކޮޑަށް

ފްރާންސުން މިއަހަރުގެ ޔޫރޯއަށް ނަގާ ސްކޮޑުގައި ކަރިމް ބެންޒެމާ ހިމެނޭނެ ކަމަށް އިތުބާރު ހުރި ނޫސްތަކުން ބުނެފިއެވެ.

ފްރާންސުން ޔޫރޯއަށް ނަގާ ސްކޮޑު ކަމަށް ބުނާ ސްކޮޑު ލިސްޓެއް ލީކު ކޮށްލާފައިވާ އިރު، އެ ލިސްޓުގައި ބެންޒެމާގެ ނަން ހިމެނިފައިވެއެވެ. ފްރާންސްގެ ރަސްމީ ސްކޮޑު އަދި އިއުލާން ކޮށްފައިނުވި ނަމަވެސް، ދުނިޔޭގެ އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ އެކަން ޔަގީންވެސް ކޮށްދީފައެވެ.

އެންމެފަހުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސަކީ އަންނަ މަހުގެ 11 ވަނަ ދުވަހު ފަށަން އޮތް ޔޫރޯ މުބާރާތުގެ ފެވަރިޓުންނެވެ. އެޓީމުގެ ސްކޮޑު ވަރުގަދަކޮށް ފެންނަ އިރު، ލީކުވި ސްކޮޑުގައި ބެންޒެމާއާއެކު ހިމަނާފައިވާ ފޯވަޑުންނަކީ އެންޓޮއިން ގްރީޒްމަން، ކިންގްސްލީ ކޯމަން، ވިސާމް ބެން ޔެޑާގެ އިތުރުން އުސްމާން ޑެމްބޭލޭ އަދި އޮލިވިއާ ޖިރޫއާއި ކިލިއަން އެމްބާޕޭއާއި މާކަސް ތުރާމެވެ.

ފްރާންސްގެ ސްކޮޑުގައި ރަފޭލް ވަރާންއާއި ކިމްޕެމްބޭވެސް ހިމެނިފައިވާ އިރު، ވޯލްޑް ކަޕް ނެގި ސްކޮޑުގައި ހިމެނުނު ސަމިއުލް އުމިޓީޓީއަށް ވަނީ ޖާގަ ގެއްލިފައެވެ.

ބެންޒެމާ 2015 ވަނަ އަހަރާ ހަމައަށް ފްރާންސަށް ކުޅެ، 27 ގޯލް ޖަހައިދީފައިވެއެވެ. ބެންޒެމާ އޭގެ ފަހުން ފްރާންސް ސްކޮޑަށް ނަގައިފައެއް ނުވެއެވެ. އޭގެ ސަބަބަކީ ފްރާންސަށް ބެންޒެމާއާއެކު ކުޅެމުންދިޔަ މަތިއު ވަލުބުއޭނާ ބްލެކްމެއިލް ކުރި މައްސަލައެއްގައި ބެންޒެމާއާ ފްރާންސްގެ ފެޑަރޭޝަން މައްސަލަތަކެއް ޖެހުމެވެ.

އޭގެ ފަހުން ބެންޒެެމާ އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެންވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް މައްސަލަތައް ހައްލު ނުވެ އޮތުން އޭނާއަށް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ފުރުސަތު ގެއްލިފައެވެ.