ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓު ހަދަނީ ހަތަރު މެންބަރުންގެ ކޮމިޓީއަކުން ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮޑިޓް ހަދަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހިމެނޭ ގޮތަށް މިމަހުގެ 11 ވަނަ ދުވަހު ހަތަރު މެންބަރުންގެ ކޮމިޓީއެއް ރައީސް އުފައްދަވާފައިވާ ކަމަށެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމިޓީގެ މައިގަނޑު މަގުސަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާ މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި އަދި މި ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސަށް ފޮނުވުމަށް ވަނީ ހަމަޖައްސައިފައެވެ. ކޮމިޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.