މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދަފްތަރުގައި ރަޖިސްްޓްރީވުމުގެ ފުރުސަތު މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ބޭއްވި ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި މާލޭގެ ދަފުތަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނެ ގޮތުގެ މަގުޗާޓެއް ސަރުކާރާ މަޝްވަރާ ކުރެވިގެން ކަނޑައެޅެންދެން، އަދި ދަފުތަރުގައި ޖެއްސުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކުރެވެންދެން، ދަފުތަރުގައި ޖެހުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
"މާނައަކީ މިހާރުވެސް އެބަތިބި ދަފުތަރުގައި ޖެހިފަ، 16،000 އަދި 17،000 ރައްޔިތުން، އެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި އެ ރައްޔިތުންގެ ގެދޮރުގެ ދަތިތަކާއި އެ ރައްޔިތުންގެ ތެރެއިން ސަރުކާރުގެ ހައުސިން ސްކީމްތަކުން ގެދޮރު ހަމަޖެހުނީ ކިތައް ރައްޔިތުންނަށްކަމާއި ދެންތިބި ރައްޔިތުންނާ މެދު ކަންކަން ކުރާނެ ގޮތެއް، މަރުހަލާތަކަކުން އެކަން ހައްލުކުރާނެ މަގުޗާޓެއް އަޅުގަނޑުމެން ބޭނުންވޭ ކަނޑައަޅަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް ކަނޑައަޅައި ދަފުތަރުގައި ޖެހުމުގައި އަމަލު ކުރާ އުސޫލުތަކަށް ބަދަލު ގެނެސް، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެވެންދެން ދަފުތަރުގައި ޖެހުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ދަފުތަރުގައި މީހުން ޖައްސަމުންދަނީ ނަމެއްގައި ކަމަށާއި އެކަން ހަމަ މަގުން ގެންދިއުމަށްޓަކައި އެންމެ އިންސާފުވެރި ގޮތަކަށްވާނީ މިވަގުތު ދަފުތަރުގައި ޖެހުން މެދުކަނޑާލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު