ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލޭން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން މިރޭ ހައްޔަރުކޮށްފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކެވެ. މ. ސަންދުރާގެ ތިންވަނަ ފަންގިފިލާއިން ހައްޔަރުކުރި އަބްދުﷲ އަލީއަކީ ބަންދުގައި ބެހެއްޓުމަށްފަހު ވަރަށް ފަހުން ގެއަށް ދޫކޮށްލި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ފިޔަވަޅުތައް ހަރުކަށިކޮށް، އޮޕަރޭޝަންތައް ހިންގަމުންނެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކައިރީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ބޮމެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ.
ނަޝީދަށް ހަމަލާދިން ހާދިސާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.
ފުލުހުން ވަނީ މި ތިން މީހުންވެސް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ އުޅުމުން ހަރުކަށި ފިކުރުގެ މިޒާޖު ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު