މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސީއެންބީސީ ނިއުސް ޗެނަލަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ, މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށާއި އެކަމުގައި އުފައްދާނެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން 80 ޕަސެންޓް ރަށުގެ އުސްމިނުގައި މީޓަރެއްވެސް ހަމަ ނުވާ އިރު, 64 ޕަސެންޓް ރަށްތައް ގިރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި 50 ޕަސެންޓް ރަށުގައި މީހުން ދިިރިއުޅޭ ސަރަހައްދު ހުރީ މޫދާ ކައިރީގައި ކަމަށާއި 90 ޕަސެންޓް ރަށުގައި ފެންބޮޑު ވާ ކަމަށްވެސް ވިދާޅުވިއެވެ.

ދެހާސް ސަތޭކަ ވަނަ އަހަރަށްދާއިރު ކަނޑުގެ ލޮނުގަނޑު މީޓަރަކަށް އުފުލޭނެ ކަމަށް ދިރާސާތަކުން ދައްކާއިރު, ރާއްޖޭގެ ރައްޔިތުންނަށް ވާނީ ކިހިނެއްތޯ ޕްރެޒެންޓަރު ސުވާލުކުރުމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖެ ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދާއި ކާނާ ހޯދުމަށް އަދި ދިރިތިބުމަށް މޫސުމީ ބަދަލުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލު އޮތީ މިހާރު އަޅާ ފިޔަވަޅުތަކެއްގެ މައްޗަށް. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. އަދި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ގޮވާލަން. ރާއްޖެއިން އެކަން ކުރެވެންޏާ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ކުރެވޭނެ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ އިތުރަށް ވިދާޅުވީ, މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އާންމު ފުރުދުންގެ ހައިސިއްޔަތުންނާއި ގައުމުތަކުގެ ސަރުކާރުތަކުން ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަރުގަދަ އަމާޒުތަކެއް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.