ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ނުހަނު މުހިންމު ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް މޯލްޑިވްސް ޑިމޮކްރަޓިކް އެލައެންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ ގައްދޫ ޒާހިރު އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖެއްގަ އެވެ.

ގައްދޫ ޒާހިރު އަވަހާރަވީ ވަރަށް ގިނަ ދުވަސްވަންދެން ބަލިވެ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގަ އެވެ. އޭނާ ވަނީ ކޮވިޑަށްވެސް ޕޮޒިޓިވް ވެފަ އެވެ.

ސިޔާމް ވިދާޅުވީ ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގައި ގައްދޫ ޒާހިރު ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައި ރައްޔިތުންނަށް ފާގަތިކަން ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުވުމަށްޓަކައިވެސް އަގު ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ސިޔާމް ވަނީ ޒާހިރުގެ އާއިލާ އަށް އަމިއްލަ ނަމުއްޔާއި އެމްޑީއޭގެ އެންމެހައި މެންބަރުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފަ އެވެ.