ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި 2019 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑުކޮށް އެ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތް ކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލު ކުރި ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވީ، ސިޔާސީ ބަޔަކު އެކުލަވާލި އަދި އެ މައްސަލައާ ސީދާ ގުޅުން ނެތް އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން ކަމަށާއި އަދި އެކަމުގައި ބައިވެރިވުމެއްވެސް ނޫން ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން،" މަހްލޫފުގެ ޕޯސްޓުގައިވެއެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ހިމެނެނީ މަހްލޫފުގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެކަންޏެވެ. އަކްރަމްވެސް ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.