އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓެކްނޮލޮޖީ

ޝައުނާ އާއި ޑރ. ހުސެން އަށް މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

އިބްރާހިމް ޒަކީ

އެންވަޔަރަންމެންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އާއި، ފިޝަރީޒް މިނިސްޓަރުގެ ކަމުގެ މަގާމަށް އައްޔަން ކުރެއްވި، ކުރީގެ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ދެބޭފުޅުންނަށް ރުހުން ދެއްވުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މިއަދުގެ ޖަލްސާގައި ވިދާޅުވެދެއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާއަބުދުﷲ އިއުލާން ކުރެއްވިއެވެ.

އެންވަޔަރަންމެންޓް މިނިސްޓަރުގެ މަގާމަށް ޝައުނާ އަދި ފިޝަރީޒް މިނިސްޓަރުގެ ކަމުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރެއްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ކެބިނެޓަށް އެ ބަދަލު ގެންނެވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ، ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރު ކަމުގެ މަގާމަށް ޝައުނާ އައްޔަން ކުރެއްވުމާ ގުޅިގެން ހުސްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހުމަދު ހަމްދާން ވަނީ ހަމަޖައްސަވައިފައެވެ.