ޅ. ނައިފަރު މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް އެ މުއައްސަސާއިން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރުގައި ޒުވާނަކަށް ފުލުހުން އަނިޔާކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ފުލުސް މީހެއްގެ އަންހެނުންނާ "ފޮށުނު" ކަމުގެ ތުހުމަތުގައެވެ.

އެމީހާއަށް އަނިޔާ ކޮށްފައިވަނީ އެރަށުގެ ގޮނޑުދޮށަށް ގެންގޮސްފައެވެ. އެކަމާ ގުޅިގެން އެރަށުގެ ޒުވާނުން އިއްޔެ ވަނީ ނައިފަރުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

ފުލުހުން ބުނީ ނައިފަރުގައި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މައްސަލަ ބެލުމަށްފަހު އެފަދަ އަމަލެއް ފުލުހުން ހިންގާފައިވާނަމަ، އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުގެ ދަށުން އަނިޔާކުރި ފުލުހުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.