ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީއެއް ހަދަން މަޖިލީހުން ފާސްކޮށްފިއެވެ.
މިއީ މަޖިލީހުން މިފަދަ އިންކުއަރީއެއް ހަދާ ފުރަތަމަ ފަހަރެވެ.
މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި އެ އިގުރާރު ހުށަހެޅުއްވީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އެ އިގުރާރު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާގައި ފާސްކުރި ރައީސް ނަޝީދަށް ހަމަލާދިން ހާދިސާގެ ރިޕޯޓުގައި މި މައްސަލައިގެ އިންކުއަރީ މަޖިލީހުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް އަދިވެސް ހަމަލާދިނުމުގެ ބިރު އޮތުމުގެ ސަބަބުން، ގާނޫނުތަކާއި ގަވާއިދުތަކުން މަތިކޮށްފައިވާ މުއައްސަސާތައް ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ބެހޭ ކޮމިޓީއެއް އޮންނަ ކަމަށެވެ. އެހެންކަމުން އެ މުއައްސަސާތައް ޖަވާބުދާރީ ކުރުންވަން ޖެހޭ ކަމަށްވެސް އެ ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށްޓަކައި އެ މައްސަލައިގެ ތަހުގީގު އެންމެ ގާތުން ހިނގައިދިޔަގޮތް ބަލައި، ރައްޔިތުން މަޖިލީހުގެ ރައީސަށް މި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބު ދެނެގަނެ، ރައްޔިތުން މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، ދިވެހިރާއްޖޭގައި މިފަދަ ޓެރަރިޒަމްގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަން ޖެހޭ އެންމެހާ ބަދަލުތައް ފާހަގަކުރުމަށްޓަކައި ޕާލިއަމެންޓްރީ އިންކުއަރީއެއް ހިންގުމަށް މަޖިލީހުން އިގުރާރުވަން،" އިގުރާރުގައިވެއެވެ.
އެ އިގުރާރަށް ބަހުސްކުރި ހުރިހާ މެމްބަރުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފައެވެ. މިކަމަކީ މަޖިލީހުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ބޭރުގެ މާހިރުންވެސް މި އިންކުއަރީގައި ބައިވެރިކުރުމަށް ބައެއް މެމްބަރުން ވަނީ ހުށަހަޅައިފައެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެ އިންކުއަރީ އަކީ ކޮމިޓީން ތާ އަބަދަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށާއި މިކަހަލަ މައްސަލަތައް ބެލުމަށް ހޭދަވާނެ ވަގުތެއްވެސް ކަނޑައަޅަންވާނެ ކަމަށެވެ.
މި އިގުރާރު ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 50 މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު