ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ ބިލާއި ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި ދެ ބިލު އެކުލަވާލާފައި މިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ހަނި ގޮތަކަށެވެ.
ދެ ބިލު އެކުލަވާލައި، ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ އިރު، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީންކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިރުޝާދުދެއްވައިފައެވެ.
އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވާލައިގެން ނަމަވެސް އެކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ރައީސް އެންގެވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ހިތްވަރު ދިން މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
އިތުރު ފަރުވާއަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖަރުމަނުގައެވެ. އެމަނިކުފާނު ފަރުވާ ހޯއްދަވަމުން އަންނަނީ ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު