ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތައް ހުއްޓާލަންދެން، އެ ގައުމުުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް، އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައަށް ބަހުސް ފަށައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، އިސްރާއީލުން، އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގެ ފަލަސްތީނުގެ ބިން ތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ އާއިލާތައް އެ ބިންތަކުން ނެރުމަށްފަހު، އެތަނުގައި އިސްރާއީލުގެ ޣައިރު ގާނޫނީ އާބާދު ކުރުންތައް ގާއިމުކުރަން ނިންމުމުން، އިހުތިޖާޖު ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުގެ ފުލުހުންނާއި ސިފައިން ބޮޑެތި ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމަށެވެ.
އިސްރާއީލުގެ ބާރުތަކުން ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް ސިހްޔޫނީ ނުވަތަ ޒަޔަނިސްޓު އާބާދުވުންތައް ގާއިމުކުރުމާ ދެކޮޅު ހެދުމުން، އެކަމުގެ ބަދަލުގައި މަސްޖިޖުސް އަގުސާ އަށް ހަމަލާދީ ގަދަކަމުން އެތަނަށް ވަދެގަނެ އެތަނުގައި އަޅުކަން ކުރަން ތިބި މީހުންނަށް ހަމަލާދީ އެމީހުންގެ ލޭ އޮހޮރުވައި އެ މާތް މިސްކިތުގެ ހުރުމަތް ކަނޑައި ކޮންމެ ރޯދަ މަހަކު ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް މިއފަހަރު އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުގެ އެެ އުދުވާނީ ހަމަލާތަކުގައި، ކުޑަކުދިންނާއި އަންހެނުންނާއި، ދުވަސްވީ މީހުން ގިނަ އަދަދަކަށް ޝާހިދުކޮށް ކުރިއަށްގެންދާ ލާއިންސާނީ އަމަލުތަކަށް، ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުން ރާއްޖެއިން ނުރުހުން ފާޅުކުރަން ޖެހޭ ކަމަަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ ފަދަ އުދުވާނަކަށް ނުރުހުން ފާޅު ކުރުމަކީ، ހަމައެކަނި، ނެރެލާ ބަޔާނަކުން ނުވަތަ ބުނެލާ ބަހަކުން ކުރެވޭ ކަމެއްކަމަށް ނުދެކޭ ކަމަށްވެސް އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވިއެވެ.
އެހެންކަމުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ކުރިއަށް ގެންދާ އުދުވާން ހުއްޓާލަންދެން އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާ ކުރުމަށާއި، އިސްރާއީލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށާއި، މީގެ އިތުރުންވެސް ރާއްޖޭގެ ނިސްބަތުން އެޅޭން ހުރި ފިޔަވަޅުތައް އެޅުމަށް މި ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަަލައިގަނެ ބަހުސް ކުރަން ފާސްކުރި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި މައްސަލައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ އިސްރާއީލުގެ އުދުވާން ކުށްވެރިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް