ގިނަ ކަންތައްތަކެއް ހިމަނައިގެން މާލޭ ސިޓީގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މާލޭ ސިޓީގެ އެކްޝަން ޕްލޭން މިއަދު ހުވައި ކުރި މާލޭގެ އާ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާޅޭސިޓީގެ އެކްޝަން ޕްލޭން ފާސްކުރީ، މާލޭ ސިޓީގެ ހަތަރުވަނަ ދައުރަށް އިންތިހާބު ކުރި، މާލޭސިޓީގެ މޭޔަރާއި، ކައުންސިލް މެންބަރުން މަގާމުގެ ހުވައި ކުރެއްވުމަށްފަހު، މިއަދު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި މި އެކްޝަން ޕްލޭން ކައުންސިލަށް ހުށަހެޅުއްވީ، މާލޭ ސީޓީގެއާ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

އެކްޝަން ޕްލޭން ހުށަހަޅުއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނަކީ ނުރަސްމީކޮށް، ކައުންސިލް މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، މެންބަރުން އެދިވަޑައިގެންނެވި ބަދަލުތައް ގެންނެވުމަށްފަހު ހުށަހެޅުއްވި ޕްލޭނެއް ކަމަށެވެ.

އެ ޕްލޭންގައި މާލޭ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ކަންތައްތައް ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ޕްލޭންގެ ދަށުން ކުރަން ޖެހޭ ކަންތައްތައް ތަންފީޒު ކުރުމަށް، ކަންތައްތައް ހަވާލު ކުރާނެ ފަރާތްތަކާއި، އެ ކންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް އެ ޕްލޭނާއެކު ހިމަނާފައި ވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެ އެކްޝަން ޕްލޭންގެ މައިގަނޑު އަމާޒު ތަކެއްގެ ގޮތުގައި ހިމަނާފައި ވަނީ، ބިންވެރި ރައްޔިތެއް، ގާއިމް ކުރުމާއި، ޗާލު މާލޭ ސިޓީއަކާއި، ހިތްފަސޭހަ މަގުމަތި، ފުދުންތެރި ދިރިއުޅުން، ޑިޖިޓަލް މާލެ، ހަރުދަނާ އިދާރީ ހިންގުން އެވެ.

މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވާ ކައުންސިލެއް ގާއިމް ކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.

މި އަމާޒުތައް ހާސިލް ކުރުމަށް ކައުންސިލްގެ މަސައްކަތްތައް ރޭވިފައިވާނީ، ރައްޔިތުންނާ ބައްދަލުކޮށްގެން ކަންތައްތައް ކުރުމަށް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.