މާލޭސިޓީގެ މޭޔަރުކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންފައިވާ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މާލޭ ސީޓީ ކައުންސިލަރުކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންފައިވާ ކައުންސިލަރުން މަގާމުގެ ހުވައި ކުރައްވައިފިއެވެ.
ހުވައި ކުރުމުގެ ދަރުބާރު ބޭއްވީ، އޮންލައިން ކޮށެވެ.
މި ދަރުބާރުގައި މޭޔަރާއި ކައުންސިލަރުންނަށް ހުވައި ލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
އެ ދަރުބާރުގައި މޭޔަރުންނާއި ކައުންސިލަރުން ހުވައިގެ އިގުރާރުުގައި ސޮއިކުރެއްވުމުގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވައިފައެވެ. އެ ހުރިހާ ބޭފުޅުން އިގުރާރުގައި ސޮއިކުރެއްވުމަށްފަހު ވަނީ ސްކްރީނުން ދައްކާލައިފަ އެވެ.
ހުވައިގެ ރަސްމިއްޔާތުގައި، ސިޓީކައުންސިލްގެ ނިމިދިޔަ ދައުރުގައި އެ ކައުންސިލުން ކޮށްފައިވާ ކަންތައްތަކާއި، ކައުންސިލަށް ކުރިމަތިވި ގޮންޖެހުންތަކާއި ދިމާވި ދަތިތައް ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ދައްކާލުން އޮތެވެ.
މިއަދު ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތަށްފަހު، މާލޭ ސިޓީކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވައިފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީ ނޫން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި، އިދިކޮޅު ޕީޕީއެމްގެ މެންބަރު ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓު ހޯއްދަވައިގެންނެވެ.
މާލޭ ސިޓީ ކައުންސިލް މެންބަރުންގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތާއެކު، އެހެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެންބަރުންގެ ހުވާކުރުން ވެސް މިއަދު އޮންނާނެ އެވެ.
ނަމަވެސް ހައި ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސް، ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް، ލ. މާބައިދޫ ކައުންސިލްގެ ރައީސް އަދި ތ. ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފަ އެވެ.