ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން، މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަދަން ހައުސިން މިނިސްޓްރީން އެއްބާރުލުން ލިބިފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މިމަހު ހަވަނަ ދުވަހުގެރޭ މަޖިލިސް ރައީސް ނަޝީދު އަވަހާރަ ކޮށްލަން ޓެރަރިސްޓް ހަމަލާ ދީފައި ވަނީ، އެމަނިކުފާނުގެ ސެކިއުރިޓީގެ ބޭނުމަށް ނީލޯފަރު ހިނގުމުގައި ޕާކު ނުކުރެވޭ ގޮތަށް ހަދަން އެމްއެންޑީއެފުން މާލޭ ސިޓީ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.
އެ ހަމަލާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ސީރިއަސް ޒަހަމްތަކަށް، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ވަޑައިގެން ހުންނެވީ، ޖަރުމަނު ވިލާތުގައެވެ.
ނީލޯފަރު ހިނގުން މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތް ފާހަގަ ކުރައްވައި، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވީ، އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަދަން ހުށަހެޅުއްވި ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެކަން ހާމަ ކުރައްވައި ޝިފާ ރޭ ނެރެއްވި ނޫސްބަޔާނެއްގައި ވަނީ 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް ހުށަހެޅުނު ހަނި ގޯޅިތަކުގެ ތެރޭގައި ނީލޯފަރު ހިނގުން ހިމެނޭ ކަމަށާއި ކައުންސިލުން ނިންމީ އެ ގޯޅީގައި ހުރި ޕާކިން ޒޯންތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯންތައް ހަމަޖެއްސުމަށްފަހު، އެ ގޯޅިއަކީ ދުއްވާ އެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި އޭގެ ފަހުން އެ މަގުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފުން ވެސް އެދުނު ކަމަށް ޝިފާ ވިދާޅުވިއެވެ.
"މިނިސްޓްރީ އޮފް ޑިފެންސްގެ އެދިވަޑައިގަތުމާއެކު، ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް އަވަސް ކުރަން ފެށުނު. މިގޮތުން އެ ޕާކިން ޒޯން ނެގެން އޮތީ އެ ޕާކިން ޒޯނުގެ ބަދަލުގައި އެހެން ޕާކިން ޒޯނެއް އެ ސަރަހައްދުން ހަމަޖައްސައިގެން ކަމަށްވާތީ، އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރިޖެހި ގެއިން ކަމަށް ފެނުނު ހިނދު، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އެދެވުނު. އަދި ހަމަ މި ސިޓީ މާލެ މޭޔަރުގެ ފޯނުން ވަޓްސްއެޕް މެދުވެރިކޮށް މިނިސްޓަރު އަސްލަމަށް ފޮނުވާފައި ވާނެ،" ބަޔާނުގައިވެއެވެ.
ޝިފާ ވިދާޅުވީ ނީލޯފަރު ހިނގުމަކީ ޕާކު ނުކުރެވޭ މަގެއްކަމުގައި ހެދުމަށްޓަކައި އެކަން އަވަސްކުރުމުގެ ގޮތުން މިނިސްޓަރު އަސްލަމަށް އެކި ފަހަރުމަތިން ގުޅައި، ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި ހަމަޖައްސައިދިނުމަށާއި އަދި ފޭދޫކޮށި ހުޅުވައިގެން ކުރެހުމަށް ޓަކައި އެތަނުގެ ތަޅުދަނޑި ހަވާލުކޮށްދޭން ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ޓޫފޯވަން ކޮމިޓީން ބަލަން ޖެހޭ ކަމަށާއި، އެކަން ބެލުމަށް އެ ކޮމިޓީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް