މި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ޓެރަރިސްޓް ހަމަލާއެއް ދީފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމެވުމަށްފަހު، މަޖިލިސް ޗުއްޓީގައި ހުންނަ ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ، މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ. އެއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްތަކާއި، މަޖިލިސް ޗުއްޓީ ދުވަސްތައް ދިމާވާ ގޮތަށް މަޖިލީހުގެ ގަވާދަށް ގެނައި ބަދަލުގެ ދަށުންނެވެ.

މިމަހު ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހިފައެވެ.

އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ ދިނުމަށް އެމަނިކުފާނު ވަނީ ޖަރުމަނު ވިލާތަށް ގެންގޮސްފައެވެ.

އަނެއްކޮޅުން މާދަމާ އަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފަށާ ދުވަހެވެ.

އެކަމާ ގުޅިގެން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ހުންނެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ. އޭގެ އިތުރުން މަޖިލިސް ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރަކު ކަނޑައަޅުއްވާފައި ތިއްބަވާނެއެވެ.

ނަމަވެސް އިތުރު ތަފުސީލެއް މީޑިއާ އޮފިޝަލު ވިދާޅެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 37 ޖަލްސާއެއް ބާއްވައި އެ ޖަލްސާތަކުގައި އަށް ބިލެއް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ އޭޕްރީލް މަހުގެ 29 ގައެވެ.