އިސްރާއީލާ ދެކޮޅަށް ލަންޑަނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ގިނަ އަދަދެއްގެ މީހުން ބައިވެރި ވެ، މުޒާހަރާގެ ބައިވެރިންވަނީ ލަންޑަނުގެ ހައިޑްޕާކުން ފެށިގެން އިސްރާއީލު އެމްބަސީ ހުންނަ ސަރަހައްދަށް ގޮސް އަޑުއުފުލާފައެވެ. މިމުޒާހަރާގެ އިސްސަފުގައި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޮބީން ވަނި ބައިވެރިވެވަޑައިގެންފައި ވެއެވެ.
ލަންޑަނުގައި މުޒާހާރާ އިންތިޒާމުކުރި ފަރާތްތަކުން އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ.
މިމުޒާހަރާގައި ވާހަކަދައްކަވަމުން ޖެރެމީ ކޮބީން ވިދާޅުވީ އަނިޔާ ލިބެމުންދާ ފަރާތްތައް ހިމާޔަތް ކުރެވެން އޮތީ ބައިނަލްއަގުވާމީ ގޮތުން ރައްކާތެރިކަމާއި އެއްބާރުލުން ދޭކަން ސާބިތުކޮށްދީގެން ކަމަށެވެ. ޖެރެމީގެ މިވާހަކަތަކަށް މުޒާހަރާގެ ބައިވެރިންވަނީ ތައުރީފުކޮށްފައެވެ.
ޖެރެމީގެ އިތުރުން އެޕާޓީގެ މަޖިލިސް މެންބަރު ޒާރާ ސުލްތާނާ އަދި ޑަޔާނާ އެބޮޓްގެ އިތުރުން ރެޕް ލަވަކިޔުންތެރިޔާ ލޯކީ ވަނީ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލައިފައެވެ.
މުޒާހަރާގެ ތެރެއިން، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި ކުދިންގެ ނަމާއި އުމުރު ހާމަކޮށް އިހުތިރާމު އަދާކުރުމުގެ ގޮތުން މިނިޓެއްގެ ހަމަހިމޭންކަމެއް ވަނީ ގެނެސްފައެވެ.
މުޒާހަރާ އިންތިޒާމު ކުރި ފަރާތުން ބުނެފައިވަނީ މިއީ 2014 އަހަަރަށްފަހު ފަލަސްތީނާއި އެއްކޮޅަށް އެގައުމުގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު މުޒާހަރާ ކަމަށެވެ. މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 150،000 އަށްވުރެ މަތިވާނެ ކަމުގައި އެފަރާތުން ވަނީ ލަފާކޮށްފައެވެ.
ލަންޑަނުގެ އިތުރުން އިނގެރޭސިވިލާތުގެ ބާމިންގްހަމްގައިވެސް ވަނީ މުޒާހަރާކޮށްފައެވެ. އެމުޒާހަރާތަކުގައި ހާހަކަށްވުރެ ގިނަ އަދަދަކަށް މީހުން ބައިވެރިވެ އިސްރާއީލާއި ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އެޅުމަށް ގޮވާލައި އަޑުއުފުލާފައިވެއެވެ.
އިނގިރޭސިވިލާތުގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
ޕެރިހުގައި މުޒާހަރާކުރަމުންދިޔަ ބައިވެރިންނާ ދެކޮޅަށް އެގައުމުގެ ސިފައިން ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ބޭނުންކޮށްފައިވާތީ، މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ.
ޖަރުމަނުގެ ބާލިންގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަގުތައް މައްޗަށް ނުކުމެ އިސްރާއީލް ބޮއިކޮޓް ކުރުމަށް ގޮވާލައި ކޮންމެވެސް ވަރަކަށް ފުލުހުންނާ ކުރިމަތިލުންތައް ހިނގައި ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
ސްޕޭނުގެ މަގުތަކަށްވެސް 2500 އެއްހައި މީހުން ނުކުމެ ކުރި މުޒާހަރާގައި މިއީ ހަނގުރާމައެއް ނޫންކަމަށާއި މިއީ އިސްރާއީލުން ހިންގާ ގަތުލު އާއްމެއް ކަމަށް ބުނެ ފަލަސްތީނާ އެއްކޮޅަށް ވަނީ އަޑުއުފުލައި މުޒާހަރާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ