ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މާބަނޑު 50 މީހަކު ހިމެނޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މާބަނޑު 50 މީހަކުވެސް ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މާބަނޑު މީހުންނަށް މިހާރު ފައިޒާ ވެކްސިން ޖެހޭނެކަން ފާހަގަކުރައްވައި ޑރ. މުހައްމަދު އަލީ ވަނީ ވީހާވެސް ގިނަ މާބަނޑު މީހުން ވެކްސިން ޖެހުމަށް ރެޖިސްޓާވުމަށް އިލްތިމާސްކުރައްވައިފައެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހުންނާއި އަލާމާތްތައް ފެންނަ މާބަނޑު އަންހެނުން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ޑިޕާޓްމަންޓުގެ ނަންބަރު، 3308234 އަށް ގުޅުން އެދޭ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 43،782 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 28،013 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 15،666 އެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 94 މީހެކެވެ.