ހަރުކަށި ފިކުރުން ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައި ނުދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމުވެގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.

އެކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ މި ހަމަލާއިން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައި ނުދާ ކަމަށެވެ.

"އަދި މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަން،" މަޖިލީހުގެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ އައިއީޑީގައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެފައިވާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ. އަދި އެ އެތިކޮޅުތައް ނަގައި، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމުތަކާ ގުޅިގެން އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނަށް ވަޑައިގެންނެވި ރައީސް ނަޝީދަށް ފަރުވާދެމުން ގެންދަނީ އެގައުމުގެ ވެރިރަށް ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައެވެ. އެމަނިކުފާނު އެޑިމިޓްކޮށް ފަރުވާ ފެށުމުގެ ކުރިން ސްކޭންތަކެއް ހަދަމުން އަންނަ ކަމަށް އާއިލާ އިން އިއްޔެ ވަނީ ބުނެފައެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.