ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުށްޓަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ، މިއަދާއި މާދަމާގެ މޫސުންވެސް ގޯސްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އިއްޔެ ރޭ 7:00 އިން މިރޭގެ 7:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މާލެ އަތޮޅުގެ ހަތަރު ރަށަކަށް 50 މިލި ލީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިއްފުށްޓަށް 56.9 މިލި ލީޓަރުގެ ވާރޭ ވެހިފައިވޭ. ކ. ގާފަރަށް 52.2 މިލި ލީޓަރުގެ ވާރޭ، ކ. ގުރައިދުއަށް 53.6 މިލި ލީޓަރުގެ ވާރޭ އަދި ހުޅުލެއަށް 50.6 މިލި ލީޓަރުގެ ވާރޭ ވެހިފައިވޭ" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވިއްސާރަ އަލިކުރަން ފަށާނީ އަންނަ ހޯމަ ހިސާބުގައި ކަމަށެވެ.