ދިން ބޮމުގެ ހަމަލާއެއްގައި ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން އިތުރު ފަރުވާއަށް އިއްޔެ ޖަރުމަނަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފަރުވާ ދެމުން ގެންދަނީ އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ އާއިލާ ބޭފުޅަކު 'ވަން' އަށް ވިދާޅުވީ، ޖަރުމަނުގެ ވެރި ރަށް ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައި އެމަނިކުފާނު އެޑިމިޓްކޮށް ފަރުވާ ފެށުމުގެ ކުރިން ސްކޭންތަކެއް ހަދަމުން އަންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތީ އިއްޔެ ހެނދުނު 11:00ގައި ޕްރައިވެޓް އެމްބިއުލައިންސް ޖެޓެއްގައެވެ. އެމަނިކުފާނުގެ ދަތުރުފުޅާއި ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ޖަރުމަނު ސަރުކާރުންނެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ.

މި ހާދިސާގައި ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުށްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެފައިވާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ. އަދި އެ އެތިކޮޅުތައް ނަގައި، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެ ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.