ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި 4-1ގެ ނަތީޖާއަކުން ގްރެނާޑާ ބަލިކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގު ތަށްޓަށް ކުރަމުން އަންނަ އުންމީދު ގެއްލުނަ ނުދީ ހިފަހައްޓައިފިއެވެ.

ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް މި ސީޒަނުގައި ފެންނަ ލީގަކީ ސްޕެނިޝް ލީގެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށްވެސް ތަށި ނެގުމަށް ފުރުސަތު އޮތް އިރު، އޭގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ ދެން އޮތީ ދެ މެޗެވެ.

މިވަގުތު އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް 36 މެޗުން 80 ޕޮއިންޓާއެކު އޮތް އިރު، ރޭގެ މެޗުން މޮޅުވެ ރެއާލް ވަނީ 36 މެޗުން 78 ޕޮއިންޓް ހަމަކޮށްފައެވެ. އަދި ތިންވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް 36 މެޗުން ލިބިފައި ވަނީ 76 ޕޮއިންޓެވެ.

ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު ޖަހައި ދިނީ ލޫކާ މޮޑްރިޗެވެ. އޭގެ ފަހުން ބްރެޒިލްގެ ޒުވާން ތަރި ރޮޑްރީގޯގެ ހުނަރުވެރި ގޯލެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 71 ވަނަ މިނެޓުގައި ގްރެނާޑާގެ ޖޯޖު މޮލީނޯ ވަނީ ގްރަނާޑާއަށް އުންމީދު އާކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި ޔޫރަޕުގެ ފުޓުބޯޅައިންވެސް ގްރަނާޑާ ފުރުސަތު ހޯދާފައިވާ އިރު، މި ސީޒަނުގައި އެޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ 10 ވަނައިން ކުރިއަށް ޖެހިލުމަށެވެ.

ރެެއާލުން މެޗުގެ ނަތީޖާ ޔަގީން ކުރީ ފުލުފުލުގައި ދެ ގޯލު ޖަހައިގެންނެވެ. އެޑެން ހަޒާޑުގެ ޕާހަކުން އަލްވާރޯ އޮޑްރިއޮޒޯލާ ޖެހި ގޯލަށް މިނެޓެއްވެސް ނުވަނީސް ކަރިމް ބެންޒެމާ ވަނީ އޭނާގެ ގޯލު ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި ރެއާލް ޓީމުން އެންމެ ފޯމް ރަނގަޅުކޮށް ފެންނަ ބެންޒެމާ ވަނީ ލީގުގައި މިހާތަނަށް 22 ގޯލު ޖަހައިފައެވެ.

އެތުލެޓިކޯ އިން އަންނަ އާދީއްތަ ދުވަހު އޮސަސޫނާ ބަލިކޮށް، އޭގެފަހުން ރެއާލްއިން ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް ބަލިވެއްޖެ ނަމަ އެތުލެޓިކޯއަށް ތަށި ޔަގީންވާނެއެވެ. ބާސާއިން ދެން އޮތް މެޗުގައި ނުކުންނާނީ ސެލްޓާ ވީގޯއާ ދެކޮޅަށެވެ.