އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. ގިނަ ގޯލްތަކެއް ފެނިގެން ދިޔަ ފޯރިގަދަ މެޗުން މޮޅުވެ ލިވަޕޫލް ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ފަސްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 35 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 36 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓާއަށް 36 މެޗުން ލިބިފައި ވަނީ 66 ޕޮއިންޓެވެ.

ވެސްޓްހަމް އާއި ޓޮޓެންހަމްއަށްވެސް ގަދަ ހަތަރެެއްގެ ފުރުސަތު އަދި އޮތްއިރު، ޗެލްސީއާއި ޔުނައިޓެޑްގެ އިތުރުން ލެސްޓާ ފިޔަވައި ދެން ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޓީމުތަކަށް ބާކީ އަދި ތިން މެޗު އެބައޮތެވެ. ޔުނައިޓެޑުން ގާތްގަނޑަކަށް ގަދަ ހަތަރެއް ޔަގީން ކޮށްފައިވާއިރު، ޗެލްސީގެ އިތުރުން ލެސްޓާ އަދި ޔުނައިޓެޑަށް ދެން އޮތީ ދެ މެޗެވެ.

ރޭގެ މެޗަކީ ސަޕޯޓަރުންގެ މުޒާހަރާއާ ހެދި މިދިޔަ ހަފުތާގައި ފަސްކުރި މެޗެވެ. މި ހަފުތާގައި ތިން މެޗު ޔުނައިޓެޑަށް ކުޅެން ޖެހުމާއެކު އެކަމުގެ އުނދަގޫތައް ޓީމަށް ހުރި ކަމަށް މެޗުގެ ކުރީންވެސް ކޯޗު އޮލެގުނަ ސޮލްސްޖާ ވަނީ ބުނެފައެވެ. ޔުނައިޓެޑުގެ ވެރިންނާ ދެކޮޅަށް ކްލަބުގެ ސަޕޯޓަރުން އަދިވެސް މުޒާހަރާ ކުރަމުންދާއިރު، މިރޭގެ މެޗުގެ ކުރިންވެސް ހަމަނުޖެހުންތަކެއް ހިންގައި، ސަޕޯޓަރުންތަކެއް ހައްޔަރުވެސް ކޮށްފައިވެއެވެ.

މެޗު ފެނުނީ ހަމަލާތައް ގިނަ މެޗެއްގެ ގޮތުގައެވެ. 10 މިނެޓު ތެރޭގައި ޔުނައިޓެޑުން ލީޑު ނެގީ ބްރޫނޯ ފެނާންޑޭޒްގެ ހަމަލާއަކުންނެވެ. އެ ބޯޅައިގެ މިސްރާބު ކަސިޔާރުވެ ގޯލަށް ވަނީ ޑިފެންޑަރު ފައިގައި ޖެހިފައެވެ. އެ ގޯލާއެކު ޔުނައިޓެޑުން ހަމަޖެހިލި ނަމަވެސް، ލިވަޕޫލްގެ އެޓޭކް ނުރައްކާ ކުރިއެވެ.

ޑިއޭގޯ ޖޮޓާގެ ހަމަލާއެއް ގޯލްކީޕަރު ޑީން ހެންޑަސަން މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އޭނާގެ ދެވަނަ ހަމަލާ ގޯލަށް ވައްދާލިއެވެ. ކޯނަރަކުން ލިވަޕޫލުން ކުރި ޕްރެޝަރުގައި ސަލާހް ފޮނުވާލި ބޯޅަ ބްލޮކްވިއިރު، އެ ބޯޅަ އޭރިއާ ތެރޭ މަޑު ނުޖެހިގެން އުޅެނިކޮށް ގޯލަށް ވައްދާލީ ޖޮޓާއެވެ.

ހާފް ނިމުމުގެ ކުރިން ރޮބާޓޯ ފިރްމީނޯ ބޮލުން ޖެހި ގޯލާއެކު ލިވަޕޫލުން ލީޑު ނެގިއިރު، ދެވަނަ ހާފަށް ނުކުމެ ދެ މިނެޓް ތެރޭގައި ފިރްމީނޯ ވަނީ އޭނާގެ ދެވަނަ ގޯލާއެކު 3-1 އަކަށް ނަތީޖާ ބަދަލު ކޮށްލާފައެވެ. އޭގެ ފަހުން ޔުނައިޓެޑުން ރަނގަޅު ޓެމްޕޯއެއްގައި ކުޅެ، މާކަސް ރަޝްފޯޑުގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، މެޗު ނިމެން ދަނިކޮށް ސަލާހް ވައްދާލި ގޯލާއެކު ލިވަޕޫލުން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.

ލިވަޕޫލަށް ޔުނައިޓެޑްގެ ދަނޑުގައި ކާމިޔާބީއެއް ނުހޯދޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެގޮތުން ރޭގެ މޮޅަކީ 2014 ވަނަ އަހަރަށްފަހު ލިވަޕޫލުން ޔުނައިޓެޑްގެ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.