މިމަހުގެ 29 ވަނަ ދުވަހު ކުރިން ތުރުކީގައި ކުޅުމަށް ހަމަޖައްސާފައި އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ޕޯޗުގަލްގެ ޕޯޓޯ ދަނޑުގައި ކުޅުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ތުރުކީގެ ކޮވިޑް 19ގެ ހާލަތު ގޯސްވެ އެގައުމުގައި ފުރަބަންދު އިއުލާން ކޮށްފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ޖެހޭ އިނގިރޭސި ދެޓީމަށް ތުރުކީއަށް އެތެރެވުންވެސް ވެފައިވަނީ އުނދަގޫ ކަމަކަށެވެ. އިނގިރޭސި ސަރުކާރުން ނެރެފައިވާ ދަތުރު ކުރުމުގެ ރެޑް ލިސްޓުގައި ތުރުކީ އޮތުމާއެކު ކުޅުންތެރިން ތުރުކީއަށް ދިޔަ ނަމަވެސް އެނބުރި އިނގިރޭސިވިލާތަށް ގޮސް ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ތުރުކީގައި ފައިނަލް އޮންނަ ނަމަ، އިނގިރޭސި ސަޕޯޓަރުންނަށްވެސް ނުދެވޭނެއެވެ.

ޔޫއެފާއިން ކުރިން ފައިނަލް ވެމްބްލީއަށް ބަދަލުކުރަން އުޅުނު ނަމަވެސް ފަހުން ނިންމީ ޖުމްލަ 12،000 ސަޕޯޓަރުންނާއެކު މިދިޔަ އަހަރުވެސް ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޕޯޗުގަލުގައި މެޗު ކުޅުމަށެވެ. އެއީ ކޮންމެ ކްލަބަކުން 6،000 ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ.

ސަޕޯޓަރުން ވެއްދުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ޔޫއެފާ ރައީސް އެލެކްސެންޑްރާ ސެފެރިން ވިދާޅުވެފައިވާ އިރު، އަހަރެއް ވަންދެން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެ ހޭދަކުރީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ސަޕޯޓަރުންނާއެކު ޔޫރަޕްގެ މެޗުތައް ކުޅުމުގެ ފެހި ސިގުނަލް ސަރުކާރުތަކުން ލިބެމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޕޯޗުގަލްގެ އެސްޓޭޑިއޯ ޑޯ ޑްރަގާއޯގައި ޗެމްޕިއަންސް ލީގު ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޭޑިއަމް ފުރޭނީ 50،000 މީހުން ވަދެގެންނެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ މިއަހަރުގެ ނުކުންނަ އިރު، މިއީ ސިޓީގެ ފުރަތަމަ ފައިނަލެވެ.