ލައިފް ސްޓައިލް

ޑރ. ވަހީދުގެ ކޮލަމް: ޒަމާން ތަކުގެ ތެރެއިން ދުފުމާއި ފެންފޯއް

ޑރ. އަބްދުﷲ ވަހީދު

5

ދުފުމަކީ ދިވެހިރާއްޖޭގެ ވަރަށް ޒަމާންވީ ޘަޤާފަތެކެވެ. ލަފާކުރެވޭ ގޮތުން އެ އާދައަކީ އިންޑިއާއިން ތައާރަފުވީ ކަމެކެވެ. އެހެނަސް އެކަން ހިނގީ ކޮން ދުވަސްވަރެއްގައިކަން އެނގޭކަށް ނެތެވެ. ބޮޑުތަކުރުފާނު ވާހަކައިން އެނގޭގޮތުން އެ ދުވަސްވަރުވެސް ދުފުމުގެ އާދަ ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައެވެ.

މިކަން މިހެން އޮތަސް އެއިރު ފެންފޯކަކީ ރާއްޖޭގައި ހެދޭ އެއްޗެއް ނޫނެވެ. ބޮޑުތަކުރުފާނާއި އޭނާގެ 4 އެކުވެރިން ރާއްޖެ އިސްލާމް ކުރައްވަން ކުރެއްވި ދަތުރުތައް މަލިކުން ފެއްޓެވީ 12 ޑިސެމްބަރު 1572 ގައެވެ. މަލިކުން ފުރާވަޑައިގަންނަވަމުން އަލި ތަކުރުފާނުގެ އެއްބަނޑު ދައިތާކަމަނާއަށް ހަދިޔާއަކަށް ގެންނެވީ ފެންފޯއް އިހަލެކެވެ. އެ ގެންނެވީ އެއީ ރާއްޖޭގައި ނުހެދޭ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

އިހުޒަމާނުގައި އަޑަފިކޮޅު ހިއްޕެވުމަކީ ރަސްރަސްކަލުންނާއި ގަނޑުވަރުތެރޭ ބޭފުޅުންގެ ޚާއްޞަ ޝައުގެކެވެ. އެ ބޭފުޅުންނަށް އަޑަފިކޮޅު އަރުވާނޭ ޚާދިމުން އަބަދު ވެސް އަރިހުގައި ތިބޭނެއެވެ. ކުޅުފުޅު ޖައްސަވަން ވީމާ އެ ޚާދިމުން ފީކުދާނެއް ވެސް ކައިރިކޮށް ދޭނެއެވެ.

ދުފަންދިނުމަކީ ވަރަށް ކުރީއްސުރެން މެހެމާންދާރީގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވާ ކަމެކެވެ. ކުރީ ޒަމާނުގައި ޘަޤާފީ ގޮތަށް ބިލެތް ގަނޑެއް ހަދައި ދުފަން ދިނުމަކީ ލޯބި ހުށަހަޅަން ވެސް ބޭނުން ކުރި ގޮތެކެވެ. 1990 އިގެ އަހަރުތަކާ ހަމައަށް ވެސް 'ބިލެތް މީރުކޮށްލުމުގެ' ނަމުގައި ރަސްމީ ހަފްލާތަކާއި ޖާފަތްތަކުގައި ދުފަން ދީ ހެދިއެވެ. މިހާރު ވެސް ވަރަށް ގިނަ ދިވެހިން ގެއަށް އަންނަ މެހުމާނުންނަށް ސައި ނުވަތަ ނާސްތާއެއް ދީފައި ނިންމާލަނީ ދުފުމުންނެވެ. މެހުމާނުންނަށް ދުފަން ދިނުމަކީ ދެން ދާށޭ ބުނުން ކަމަށް މަޖާޒީގޮތުން ކިޔައި އުޅެއެވެ. ކޮންމެއަކަސް، ގިނަ ދިވެހީންނަށް ކައިނިމިގެން ދުފައި ނުލިއްޔާ ކެއުން ފުރިހަމަ ނުވެއެވެ.

ނަމަވެސް ޒުވާން ޖީލުތަކުގައި ދުފުން ދަނީ މަދުވަމުންނެވެ. އޭގެ އެއް ސަބަބަކީ ދުފާ މީހުންގެ ދަތްތައް ރަތްވުމެވެ. އަނެއް ސަބަބަކީ ދުފާފައި ތަންތަނަށް ރަތްކުޅު ޖެހުމަކީ ވަރަށް ބޭއަދަބީ ކަމެއް ކަމަށް ދެކޭ ދެކުމެވެ. ދުފުން މަދުވިޔަސް ސުޕާރީއާއި ކިއްލި ކެއުން މަދެއް ނުވެއެވެ. ކިއްލިއަކީ ރާއްޖޭގައި ތަޅާ އެއްޗެކެވެ. ސުޕާރީ ގެންނަނީ އިންޑިއާއާއި ޕާކިސްތާނުންނެވެ. ޕާކިސްތާނުގެ ރަސީލީ ސުޕާރީ މާލޭ ބާޒާރުން ހުސްވުމަކީ ދޭތެރެދޭތެރެއިން ކާރިސާއަކަށް ވާ ކަމެކެވެ.

ދުފާއިރު ފުވަކުގެ އިތުރަށް ބިލެތާއި ބިލެތް ހުންޏާއި ކަރަންފުލާއި ކާފޫރުތޮޅިއާއި ފޮނިތޮއްޓާއި ކައިރާއި އަދި އެހެން ވެސް އެއްޗެތި ބޭނުން ކުރެއެވެ. އަދި ބައެއް މީހުން ދުންފަތް ވެސް ބޭނުން ކުރެއެވެ. ޘަޤާފީ ގޮތަށް އަޑަފި ކޮޅު ތައްޔާރު ކުރާއިރު ބިލެތް ރީއްޗަށް ކަފައި އެތެރެއަށް ފޯކާއި އެހެނިހެން ތަކެތި އަޅައި ބަންދު ކުރެއެވެ. 20 ވަނަ ޤަރުނުގެ ފަހުކޮޅުގައި ރަސްމީ ހަފްލާތަކުގައި "ބިލެތް މީރު ކޮށްލެއްވުން" ބޭއްވި އިރު ކެފި ބިލެތާއި ހަނާކުރި ފުވަކާއި ހުންނަނީ ވަކި ތަބަކުގައެވެ. އެފަދަ ހަފުލާތަކުގައި ހަނާކުރި ފޯކުގެ އިތުރަށް ހަވާދުލީ ފޯއް ވެސް ބަހައްޓައި އުޅުނެވެ.

މިހާރު ވެސް ސައި ހޮޓާތަކުގައި ކައި ނިމުނީމައި ދުފަން ދެއެވެ. އެ ދުފުން ދެނީ ދުފާ ތަބަކުގައެވެ. އެއަށް ހުންނަނީ ބިލެތާއި، ފުވަކާއި، ކަރަންފުލާއި ބިލެތް ހުނި އަޅައިފައެވެ. ކެއުމުގެ ބިލުގައި އެ ނޯޓުކޮށްފައި އޮއްނާނީ '1 ދުފުން' ކަހަލަ ގޮތކަށެވެ. ދުފުމުގެ އަދަދު ބަލާނީ ބޭނުންކުރާ ބިލެތް އަރިތަކުގެ އަދަދުންނެވެ.

އުމުރުން ދުވަސްވެ ދަތްތައް ބަލިވީމާ ބޯކޮށް ކޮށާފައި ހުންނަ ފޯއްފޮތިކޮޅުކޮޅު ނުހެފެއެވެ. އެ އުމުރަށް ދިޔައިމާ ފުވައް ތުނިކޮށް ކޮށައިގެން ބޭނުން ކުރެއެވެ. އެވަރުން ވެސް ނުހެފުނީމާ ޖެހެނީ ފޯކާއި ބިލެތާއި ވަނަކަށް އަޅައިގެން މޯލަކުން ތަޅާށެވެ. ތަނަވަސް މީހުން އަމިއްލަ ވަން ގެންގުޅުނެވެ. ބައެއް މީހުން މަޑިސީލައަށް އަޅައިގެން، ދާހާ ތަނަކަށް ވަނާއި ދުފާ ސާމާނު ގެންގޮސް ހެދިއެވެ.

ފެންފޯއް ރުއް ބެލެވެނީ ދެކުނާއި ދެކުނު އިރުމަތީ އޭޝިއާގެ ވަޒަންވެރި އެއްޗެއް ކަމަށެވެ. އޭގެ އިތުރުން އިރުމަތީ އޭޝިއާއާއި ޕެސިފިކްގެ ޖަޒީރާތަކާއި އިރުމަތީ އެފްރިކާގައި ވެސް ފެންފޯއް ހައްދައެވެ. ފުވައް އެންމެ ގިނައިން އުފައްދާ ޤައުމުތަކަކީ އިންޑިއާއި މިއަންމާރާއި އިންޑޮނީޝިއާއާއި ބަންގްލަދޭޝްއާއި ޓައިވާނެވެ.

މި ލިސްޓްގައި ވާ ހައިރާން ކަމަކީ ލިސްޓްގެ 5 ވަނައިގައި އޮތް ޓައިވާނެވެ. އެފަދަ ކުޑަ އަދި ކުރިއަރާފައި ވާ ޤައުމެއްގައި އަހަރަކު 1 ލައްކަ މެޓްރިކް ޓަނުގެ ފުވައް އުފައްދައެވެ. މިއާ އަޅާ ކިޔާއިރު، އެއްވަނައިގައި އޮތް އިންޑިއާއިން އުފައްދަނީ އަހަރަކު 7 ލައްކަ މެޓްރިކް ޓަނެވެ. ޓައިވާންގައި ދުފުމަށް ޚާއްސަ ކުދި ފިހާރަ ހުރެއެވެ. އެ ތަންތަން ހުންނަނީ ވަރަށް ރީއްޗަށް ދިއްލައި ޒީނަތްތެރިކޮށްފައެވެ. އޭގެ ނަމަކަށް ކިޔަނީ "ބީޓަލްނަޓް ބިއުޓީ"އެވެ. އެ ތަންތަން ފާހަގަ ކުރެވެނީ ކުލަކުލައިން ދިއްލާފައި ހުންނަ ނިއޯން ލައިޓްތަކުންނެވެ.

ލަފާކުރެވޭ ގޮތުން ފުވައް ރާއްޖެއަށް ތައާރަފު ވީ އިންޑިއާގެ ކެރަލާއިންނެވެ. އެތަނުގެ މަލާބާރާއި ކޮއްޗޭއަކީ ޒަމާނުއްސުރެން ދިވެހީންނާއި ގުޅުން ބޮޑު ތަންތަނެވެ. މީގެ އިތުރަށް ބަންގާޅާއި ސިލޯނަކީ ވެސް ރާއްޖެއާ ގުޅުން ބޮޑު ތަންތަނެވެ. އެހެން ކަމުން އެއިން ތަނަކުންވެސް ރާއްޖެއަށް ފުވައް ތައާރަފުވެފައި އޮވެދާނެއެވެ.

ފެންފޯއް ރުކަކީ ދިވެހިރުކާ އަޅާބަލާއިރު ހިމަ ރުކެކެވެ. އާއްމުކޮށް އެ ރުށް ހެދެނީ 30 ފޫޓާ ހަމައަށް އުސްކޮށެވެ. ބައެއް ފަހަރު 60 ފޫޓާ ހަމައަށް ވެސް ހެދެއެވެ. ދިވެހި ރުކާއި އަޅާ ބަލާއިރު، ފެންފޯއް ރުކުގެ ފަންތައްވެސް ކުއްޖެވެ. ފެންފޯކަކީ ކާއްޓަށްވުރެ މާ ކުޑައެއްޗެކެވެ. އެ ހުންނަނީ ދެތިން އިންޗި ބޮޑުމިނުގައި ކުކުޅު ބިސް ސިފައަށެވެ. ދޮން ވީމަ ހުންނަނީ އޮރެންޖު ކުލައިގައެވެ. އޭގެ އޮށް އޮންނަނީ ތުނި ބޮނބިގަޑެއްގެ ތެރޭގައެވެ. ނުހިކޭ އިރު ފޯއްކިބައަކީ ފިޔޮއްސަކުން ކަފައިލެވޭ އެއްޗެކެވެ. ހިކުނީމަ ލަކުޑިހާ ހަރުވެ، ކޮށަން ފޯއްވަޅިއެއް ބޭނުންވެއެވެ. ފެންފޯއް ރުކެއް ފޯދެނީ 5 ވަރަކަށް އަހަރުންނެވެ. 7 އަހަރުގައި ރަނގަޅަށް ފޯއް ލިބެން ފަށާނެއެވެ.

ރާއްޖޭގައި ހައްދާ ފެންފޯކާއި އިމްޕޯޓް ކުރާ ފޯކާ ތަފާތުވަނީ އެ ހައްދާ ގައުމުތަކުގައި ފޯއް ތައްޔާރު ކުރާ ގޮތުންނެވެ. އެ ތަންތަނުގައި ފޯއް ފެނުއަޅައި ފޯކޮށްފައި ބޮނބި ނޮޅައި ހިއްކަނީއެވެ. އެ ތަންތަނުގައި ދިވެހީން ކޮށާ ގޮތަށް ތުނިކޮށް ކޮށައި ފޯއް ހަނާކޮށް ވަރަށް ނަހަދައެވެ.

ފެންފޯކުގައި އެރެކޮލިން ނަމަކަށް ކިޔާ ޑްރަގެއް ހުރެއެވެ. އޭގެ ސަބަބުން ލޭ ދައުރުވުމަށް ބަދަލު އައިސް އުފާވެރިކަމެއް އިހުސާސް ކުވެއެވެ. ދުފުމަށް ދެވި ހިފަނީ މީގެ ސަބަބުންނެވެ. އެރެކޮލީންއިން އަނގައާއި ކަރުތެރޭގެ ހަމާއި ކާއެއްޗެތި ދާ ހޮޅީގެ ދުލިފަށަށް ބަދަލުތަކެއް އާދެއެވެ. މި ބަދަލަކީ ބައެއް ފަހަރު ކެންސަރުގެ ފެށުން ކަމަށް ވެދެއެވެ. މި ބާވަތުގެ ކެންސަރަކީ ދެކުނު އޭޝިއާގައި ވަރަށް ގިނަ އެއްޗެކެވެ. ޢިލްމީ ދިރާސާތަކުން ވަނީ މި ބާވަތުގެ ކެންސަރާއި ދުފުމާ ގުޅުވާފައެވެ.

އިހު ޒަމާނުގައި ފެންފޯކުން ފަނި ބޭސް ހަދައި އުޅުނެވެ. އަދި އަގައިން ނުބައި ވަސް ދުވުމުގެ ފަރުވާއަކަށް ވެސް ފެންފޯއް ބޭނުން ކުރިއެވެ. އެހެނަސް މިހާރު އެނގިފައިވާގޮތުން ފޯކަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެކެވެ. އެއިން ކެންސަރުގެ އިތުރުން ކިޑްނީއާއި ލިވަރުގެ ބަލިތަކަށް މަގުފަހިކުރެއެވެ. މާބަނޑު އަންހެނުން ދުފީމާ ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ގެއްލުން ލިބެއެވެ.

ދުފާ މީހުންގެ ދަތްތައް ބަލިވެ އަވަހަށް ވެރޭގޮތް ވެއެވެ. ގިނައިން ދުފީމާ ފުވައްކޮޅުކޮޅު ދެ ދަތް ދޭތެރެއަށް ވަދެއެވެ. އަދި އަބެއްހެން ދަތްތައް ދުރުކުރެއެވެ. އެންމެފަހުން ދަތްތައް ހެލި ވެރެނީއެވެ.

************

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.