އިއްޔެއަކީ މިއަހަރުގެ ފިތުރު އީދު (ކުޑަ އީދު) ދުވަހެވެ. ރަމަޟާން މަހު ރޯދަ ހިފުމަށްފަހު މުސްލިމުން އެކަމުގެ އުފާ ފާޅުކުރަން އޮންނަ ދުވަހެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އީދުވެސް އަޅުގަނޑުމެންނާ ބައްދަލުކުރީ، ނުރައްކާތެރި ކޮވިޑުގެ ވަބާއިން މުޅި ގައުމާއި ދުނިޔެ ކިލަނބުކޮށް އެތައް ބަޔަކަށް ބަލި ޖެހެމުންދާ ދުވަސްވަރެއްގަ އެވެ.
ކޮވިޑްގެ ހަތަރުވަނަ ރާޅެއް ރާއްޖެއަށް ބިންދާލައިފައިވާއިރު، ރާއްޖޭގެ 40 އެތައް ރަށެއް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. ވެރިރަށް މާލޭގެ ހާލަތު ވަކީން ގޯހެވެ. ދުވަހު ނަންބަރުތައް އިތުރުވަމުން އައިސް ރެކޯޑް މިންވަރަކަށް މީހުން ބައްޔަށް ޕޮޒިޓިވްވަމުންދާއިރު މާލޭ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިތުރެވެ. އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި ބަލީގައި ހާލު ސީރިއަސް ވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑް ފެތުރޭތީ މާލޭ ސަރަހައްދުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. އެހެންވެ، މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި މާލޭގައި ކޮށްފައެއް ނުވެއެވެ. މާލޭގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެއް ނުވެއެވެ. އެއީ އެ ސިޓީގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމުގެ ސަބަބުންނެވެ.
ކޮވިޑް ފެތުރޭތީ މާލޭ ސަރަހައްދުގައި މިދިޔަ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައެއް ނުވެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް "އީދު ފީލް" ނާންނަތާ ދެ އަހަރު ވީއެވެ. މިދިޔަ އަހަރުގެ އީދާ ދިމާވީ މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ ދުވަސްވަރާ އެވެ. މިއަހަރުގެ އީދުވެސް ހަމަ އެ ފަދައެވެ. ފުރަބަންދު ނުކުރިއެއްކަމަކު މާލޭ ސަރަހައްދުގައި އަންނަނީ 12 ގަޑިއިރުގެ ކާފިއުއެއް ހިންގަމުންނެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުމުގެ ފުރުސަތެއް ނެތެވެ. ކުޅިވަރު ކުޅެވޭނެ ފުރުސަތެއް ނެތެވެ. މުބާރާތްތަަކާއި ހަފުލާތައް ބޭއްވުމަށް މިއަހަރުވެސް މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުއްދައެއް ނެތެވެ. އެތައް އުފަލަކުން ރައްޔިތުން މަހުރޫމްވެފައިވާއިރު، އީދުގެ އެއްވެސް އުފަލެއް ނެތެވެ. ވެރިރަށް މާލޭގެ މަގުމަތި ފަޅަށް ފެންނައިރު، އީދެއް އައިސްގެން އުޅޭހެން ހީއެއްވެސް ނުވެއެވެ.
އަތޮޅު ތެރޭގެ އެތައް ރަށެއްގައިވެސް ކޮވިޑްގެ މޫތައް މިވަނީ ލައިފައެވެ. އެއާއެކު ޒަރޫރަތެއް ނެތި އެއްރަށަށް އަނެއް ރަށަށް ދަތުރުކުރުން މަނާވެގެން ދިއުމަކީ މިފަހަރުގެ އީދުގެ ފަޅުކަން އިތުރަށް ބޮޑުވި ކަމެކެވެ. އެހެން އަހަރުތަކުގައި އީދާ ދިމާކޮށް އެތައް ބަޔަކު އަތޮޅުތެރޭގެ އެކި ރަށްރަށަށް ދަތުރުކޮށް އީދު ފޯރި ނަގަމުން ދެއެވެ. މިއަހަރު އެ ނަސީބެއް ވެސް ނެތެވެ. ބަލި ނެތް ރަށްރަށުގައިވެސް ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އެހެންކަމުން މިއަހަރުގެ އީދު ވެގެންދާނީ ޒަމާނުއްސުރެ އީދުގައި ދިވެހިން ފޯރިއާއެކު ކުޅޭ ކުޅިވަރެއްކަމަށްވާ މާލި ނެރުމާއި ފެންކުޅި އާއި ކޯޑި ކެނޑުން ފަދަ ކަންކަންވެސް މަދު އީދަކަށެވެ.
މިއަހަރުގެ އީދުވެސް އައިސް ބައްދަލުމިކުރީ، އެތައް އާއިލާއެއް މާޔޫސްކަމާއި މޮޅިވެރިކަމުގައި ހޭދަކުރަމުންދާ ވަގުތެއްގައެވެ. ބިރުވެރިކަމާއި ނާމާންކަން މުޅި ގައުމު ވަށާލާފައިވާ ވަގުތެއްގައެވެ. އިޖުތިމާއީ އަދި އިގްތިސޯދީ ބޮޑު ކާރިސާއެއްގެ ވަގުތެއްގައެވެ. ކޮވިޑްގެ ހަތަރުވަނަ ރާޅާއެކުގައި ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް