ސްޕެނިޝް ލަލީގާ ހޯދުމުގެ ރޭހުގައި އެތުލެޓިކޯ މެޑްރިޑުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ރޭ ރެއާލް ސޮސިއެދާދާ ދެކޮޅަށް އެތުލެޓިކޯއިން ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އެތުލެޓިކޯއިން ވަނީ ހަތް އަހަރަށްފަހު ލީގު ހޯދުމާ ގާތަށް ޖެހިލާފައެވެ. ލީގުގައި ބާކީ ދެ މެޗު އެޓީމަށް އޮތްއިރު، ލީގު ތާވަލުގެ ގަދަ ތިން ޓީމުގެ ތެރޭގައި އޮތް ފަސް ޕޮއިންޓްގެ ފަރަގާއެކު ދެ މެޗުންވެސް މޮޅުވުން ވަރަށް މުހިއްމެވެ.
ދެވަނައިގައި ބާސެލޯނާ 36 މެޗުން 76 ޕޮއިންޓާއެކު އޮތްއިރު، ފައިދާ ނަގައި އެއްވަނައިގައި އެތުލެޓިކޯ އޮތީ 36 މެޗުން 80 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތްއިރު، އެޓީމަށް 35 މެޗުން ލިބިފައި ވަނީ 75 ޕޮއިންޓެވެ. އެ ތިން ޓީމަށްވެސް ތަށި ހޯދުމަށް ބޮޑު ފުރުސަތެއް އޮތްއިރު، 2014 ވަނަ އަހަރަށްފަހު އެތުލެޓިކޯއިން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރާ ނަމަ، ދެން އޮތް ދެމެޗަކީ ދެ ފައިނަލެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މާކޯސް ލޮރެންޓޯގެ ބޯޅައަކުން ޔަނިކް ކަރެސްކޯ ލީޑު ނަގައިދީފައިވާއިރު، ހާފް ނިމުމުގެ ކުރިން އެންހެލް ކޮރެއާގެ ގޯލުން އެތުލެޓިކޯ ވަނީ ނަތީޖާ ފުޅާކޮށްފައެވެ. އެ ގޯލަކީ ލުއިޒް ޝުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކޮރެއާ ޖެހި ގޯލެކެވެ.
ދެވަނަ ހާފްގައި އިގޯ ޒުބެލްޑާގެ ގޯލާއެކު ސޮސިއެދާދުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެތުލެޓިކޯއިން ހިތްވަރުކޮށް، 11 ވަނަ ފަހަރަށް ލީގު ހޯދުމަށް ފުރުސަތު ބޮޑުކުރިއެވެ. އެތުލެޓިކޯއަށް ދެން ބާކީ އޮތް ދެމެޗަކީ އޮސަސޫނާގެ އިތުރުން ރެއާލް ވަލަޑޮލިޑާ ދެކޮޅަށް އޮތް ދެމެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު