އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ހަވީރު 6:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ޑިރެކްޓާރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، އެކަމަނާއަށް ލިބިދޭ ބާރުގެ ދަށުން މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫ އާއި ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އިތުރަށް އެޅި ފިޔަވަޅަކީ ކުރިން ރޭގަނޑު ނުވައެއް ޖަހާއިރު ފެށޭ ކާފިއުގެ ގަޑި ހަވީރު ހައަކަށް ބަދަލު ކުރުމެވެ.

މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކާއެކު، މިހާރު ވެސް ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާވާނެއެވެ. އަދި އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އާންމު ތަންތަނުގައި އެއްވެ އުޅުން ވެސް މަނާވާނެއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް މީގެ ކުރިން ވަނީ އަންގައިފައެވެ.

ސެލޫންތަކާއި ޖިމުތަކާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ. އަދި ޓެކްސީގެ ހިދުމަތާއި ފަރާތަކުން ހިދުމަތް ދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

މީގެ އިތުރުން އެ ދެ ސިޓީގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ވެސް ވަނީ ހުއްޓުވާލައިފައެވެ.