އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕޮރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުކުރެވޭ މީހުން ކަމަށް ބުނެ، އެ މައްސަލަ ބަލަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ލިސްޓާއެކު ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ލިސްޓުގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބައޮތެވެ. އޭގެ ތެރެއިން މިހާރުގެ މިނިސްޓަރަކަށް އިންނެވީ މަހްލޫފު އެކަންޏެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރަމުން އަންނަ އިރު، މަޖިލީހުން އެކުލަވާލައި އާންމުކުރި ރިޕޯޓުގައި އެސެޓް ރިކަވަރީ ކޮމިޝަނާ ހަވާލާދީ ބުނެފައިވަނީ، މަހްލޫފުގެ މައްސަލަ މިހާރު އޮތީ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާ ހިސާބުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅޭ ތަހުގީގީ ހުރިހާ ބަޔާންތަކެއް މިހާރު ވަނީ ނަގައި ނިމިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައިވާ އިރު، ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު 20 އަހަރަށް އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް މި ތިން ބޭފުޅުންވެސް މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.