އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން ކަމަށް ބުނެ، އެ މައްސަލަ ބަލަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި، ލިސްޓާއެކު ކޮމިޓީގެ ރިޕޯޓް އާންމު ކުރަން، ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވާ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

އެމްއެމްޕީއާރުސީ ބޭނުން ކޮށްގެން ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ނުވަތަ އެކަމުގައި މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި ޝަރުއީ ދާއިރާ އާއި މިިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނޭ އިރު އެފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ މިންވަރު ބެލުމާއި އެ ތަހުގީގުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބުތައް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީހު ހުށަހެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލައި މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގައި އެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، އާންމުންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް އެންމެ ބޮޑު ސުވާލެއް އުފެއްދީ އެސެޓް ރިކަވަރީ ކޮމިޝަނުން ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓު ހާމަކުރުމާ ގުޅޭ ގޮތުންނެވެ.

ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލިސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އިތުރުވެގެން ދިޔައީ، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ލިސްޓު އާންމު ނުކުރުމާ ގުޅޭ ގޮތުން އެ މައްސަލަ ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ދެއްކެވި ވާހަކަތަކާ ގުޅިގެންނެެވެ. ނަމަވެސް އެ މައްސަލަ ދިސާރާ ކުރި ސަބް ކޮމިޓީގެ މަސައްކަތް ނިންމައި ޖޮއިންޓް ކޮމިޓީއަށް ހުށަހެޅި ރިޕޯޓުގައި އެ ރިޕޯޓް އާންމު ކުރާ ގޮތަށް އޮތީ ހިމަނައިފައެވެ.

އެއާއެކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަަކަ ދެއްކެވި ހުރިހާ މެންބަރުންވެސް އެ ލިސްޓު ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހަސަން މިއަދު ވިދާޅުވީ، ލިސްޓު ހާމަކުރުމާއި ނުކުރުމާ ދޭތެރޭ ސުވާލެއް ނުއުފެދޭ ކަމަށާއި އެކަމުގައި ކިރިޔާވެސް ބަަލައިލާން އޮތް ކަަމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް އެކަމުުން ހުރަސްއެޅޭނެތޯ ކަމަށެވެ. އަދި އެ ލިސްޓުގައި ހިމެނޭ މީހުންގެ ނަން ހާމަ ކުރި ނަމަވެސް ތަހުގީގަށް ހުރަސް ނޭޅޭނެކަން ކޮމިޓީން ބުނެފައިވާތީ ލިސްޓު ހާމަކުރުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓުގައި ހިމެނޭ އައިޑެންޓިޓީ ކާޑު ނަމްބަރު ބްލެކްއައުޓް ކުރުން ނޫން އެއްވެސް ބަދަލެއް ނުގެނެސް ލިސްޓު އޮތް ގޮތަށް އާންމު ކުރަން ނިންމި ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ، އެ ލިސްޓު އާންމު ކުރުމުން ތަހުގީގަށް އެއްވެސް އަސަރެއް ކުރާނެތޯ އެސެޓް ރިކަވަރީ ކޮމިޓީއާ ސުވާލު ކުރުމުން އެކަމުން މައްސަލައިގެ ތަހުގީގަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ވެސް ވިދާޅވީ، އެލިސްޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ލިބިވަޑައިގަތުމުން ފުރިހަމައަށް އެ ލިސްޓު އާންމު ކުރެއްވުމާމެދު ސުވާލު ނުއުފެދޭ ކަމަށެވެ.

އީވާ ވިދާޅުވީ، އެ މައްސަލަ މި ހިސާބުން ކޮމިޓީން ބަަލައި ނިމުނީ ނޫން ކަމަށާއި އެކި މަރުހަލާތަކަށް ބަހާލައިގެން އެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަ ސާބިތުވެފައިވާ މީހުންގެ އަތުން ދައުލަތަށް ފައިސާ ހޯދާ ގޮތްތައް ބެލުމާއި ބޮޑު ހިޔާނާތުގެ ފައިސާ ކުންފުނިތަކަށް ދީފައިވާ މައްސަލައިގެ އިތުރުން އެކަމާބެހޭ އެހެނިހެން މައްސަލަތައް ކޮމިޓީން ބަލާނެ ކަމަށް ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، މިއަދު ނިންމި މައްސަލައަކީ އެ ލިސްޓުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އެ ލިސްޓު ކޮމިޓީ ރިޕޯޓާއެކު އާންމު ކުރަން ކޮމިޓީން ނިންމީ ކޮމިޓީ ބައްދަލަވުމުގައި ބައިވެރިވެ ވޯޓު ދެއްވި މެންްބަރުންގެ އިއްތިފާގުންނެވެ.