އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 119 މީހުން ދައުލަތުގެ މަގާމުތަކުގައި އެބަ ތިބި ކަމަށް ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވާ މައްސަލަ ބަަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ މައްސަލަ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މިންވަރު ބެލުމަށާއި އެ މައްސަލަ ލަސްވަމުންދާ މައްސަލަ ބެލުމުގެ މަސައްކަތް ފަށާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކުންނެވެ.

އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމަންޖެހޭކަން ފާހަގަކޮށް ކޮމިޓީން، އެ މައްސަލަ ބަލައި ނިންމުމަށް މިއަދު ބޭއްވި ބައްދަލުވުުގައި ވާހަކަ ދައްކަަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ކޮމިޓީން އެދުނު ގޮތަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތައް އަދާކުރަމުންދާ ފަރާތްތައް ވަކިން ފާހަގަކޮށް އެ ފަރާތްތަކުގެ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 119 ފަރާތެއް ހިމެނޭ ކަމަށް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ލިސްޓުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިންނާއި ޝަރުއީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގައި ހިމެނޭ ފަރާތްތައް ހިމެނޭ ކަމަށެވެ.