އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މައްސަލަ ބަލަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް އެ މަގާމުތަކުން އަވަހަށް ވަކިކުރުމަށްޓަކައި، އެ މައްސަލައިގެ ތަހުގީގު އަވަސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ މައްސަަލަ ކުރިއަށް ގެންގޮސްފައިވާ ހިސާބެއް ބެލުމަށާއި، އެ މައްސަލަ އެކަށީގެންވާ ވަރަށް ކުރިއަށްނުދާ މައްސަލަ ތަހުގީގުކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމާތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭގޮތުން އެކުލަވައިލި ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ،އިންތިހާބީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ވަކިވާ، އޮންނަނީ ދެގޮތް ކަމަށެވެ.

އެތަނުން އެއްގޮތަކީ، ޝަރުއީ މަރުހަލާއަކުން ވަކިވުން ކަމަށާއި، ދެވަނަ މަރުހަލާއަކީ، އެ ފަރާތްތަކަކީ ސިޔާސީ ޕާޓީތަކުން އައިސް ތިބޭ ފަރާތްތަކަަކަށް ވާތީ ޕާޓީތަކުން އެ ފަރާތްތައް ވަކި ކުރުން ކަމަށެވެ.

އެހެންކަމުން ޝަރުއީ މަރުހަޅާއިން އެފަރތްތައް ވަކި ކުރުމަށް އެފަދަ ފަރާތްތަކުގެ މައްޗަށްކުރާ ޖިނާއީ ތަހުގީގު އަވަސްކުރަންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެފަދަ ފަރާތްތަކާމެދު ސިޔާސީ ޕާޓީތަކުން ކަންކުރާނެ ގޮތަކާ ދޭތެރޭގައި ޕާޓީތަކުންވެސް ވަރަށް ރަނގަޅަށް ވިސްނައި އެ ޕާޓީތަކުގެ މެންބަރުންގެ އިތުބާރު ހޯދަން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އިވާ ނިސްބަތްވެ ވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެގޮތަށް ކަންކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ދައުލަތުގެ މުވައްޒިފުންގެ ޝަރީއަތްތައް ވެސް އަވަސްކުރަންޖެހޭ ކަމަށެވެ. އަދި ވަކިކުރެވެން ތިބި ދައުލަތުގެ މުވައްޒިފުން، މިނިވަން މުއައްސަސާތަކުގައި ހިމެނޭ ފަރާތްތައް ކަމަށްވިޔަސް އަދި ވަޒީރުންނަށްވިޔައް ވަކި ކުރަންޖެހޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.