މިހާތަނަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ ދައުލަތަށް ހޯދަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަން، ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވަމުންދާ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މިއަދު ފާސްކުރި ކޮމިޓީ ރިޕޯޓުގައި އަށް ރެކޮމަންޑޭޝަނެއްް ސަރުކާރަށް ހުށަހަޅަން ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ
ކަމާ ގުޅުން ހުރި އިދާރާގައި ދެންނެވުމެވެ. އޭގެ އިތުރުން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިސްވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަކަށް ވެފައި، ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާ ކަންކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ހުށަހަަޅަންވެސް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އެ ވަގުތަކު އެޅެން ހުރި މުހިންމު ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށާއި އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އަދި އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ފަނީ ފާސްކޮށްފައެވެ.
ކޮމިޓީން ފާސްކުރި އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަހުގީގުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީން ނިންމި ރިޕޯޓު ދެން ހުށަހަޅާނީ މަޖިލިސް ތަޅުމަށެވެ،
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު