އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް ހިިމެނޭ ލިސްޓު އާއްމުކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން އިއުތިރާޒު ނުކުރާ ކަމަށް، އެ ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވާ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރަމުން ދަނީ، ފުލުހުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ހިމެނޭގޮތަށް ޖޮއިންޓް އިންވެސްޓިގޭޝަނެއް ގޮތައި ކަމަށެވެ.
ނަމަވެސް އެ އިން އެއްވެސް ފަރާތަކުން އެ ލިސްޓު އާއްމު ކުރުމަށް އިންކާރު ކޮށްފައި ނުވާ ކަމަށް އިންތި ވިދާޅުވިއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ވިދާޅުވީ، އެ ލިސްޓު އާންމު ކުރުމުން ތަހުގީގަށް އެއްވެސް އަސަރެއް ކުރާނެތޯ އެސެޓް ރިކަވަރީ ކޮމިޓީއާ ސުވާލު ކުރުމުން އެކަމުން މައްސަލައިގެ ތަހުގީގަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ލިސްޓު ހާމަކުރުމާއި ނުކުރުމާ ދޭތެރޭ ސުވާލެއް ނުއުފެދޭ ކަމަށާއި އެކަމުގައި ކިރިޔާވެސް ބަަލައިލާން އޮތް ކަަމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް އެކަމުުން ހުރަސްއެޅޭނެތޯ ކަމަށެވެ. އަދި އެ ލިސްޓުގައި ހިމެނޭ މީހުންގެ ނަން ހާމަ ކުރި ނަމަވެސް ތަހުގީގަށް ހުރަސް ނޭޅޭނެކަން ކޮމިޓީން ބުނެފައިވާތީ ލިސްޓު ހާމަކުރުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓުގައި ހިމެނޭ އައިޑެންޓިޓީ ކާޑު ނަމްބަރު ބްލެކްއައުޓް ކުރުން ނޫން އެއްވެސް ބަދަލެއް ނުގެނެސް ލިސްޓު އޮތް ގޮތަށް އާންމު ކުރަން ނިންމި ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު