އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މީހުން ހިމެނޭ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ބޭނުން ކޮށްގެން ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ނުވަތަ އެކަމުގައި މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި ޝަރުއީ ދާއިރާ އާއި މިިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނޭ އިރު އެފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ މިންވަރު ބެލުމާއި އެ ތަހުގީގުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބުތައް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީހު ހުށަހެޅުއްވި މައްސަލަ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނޭ ލިސްޓު އާއްމު ކުރަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އެގޮތަށް ކޮމިޓީން ފާސްކުރި ނަމަވެސް، އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު ކޮމިޓީއާ ހަވާލު ކުރުމާއެކު، ކޮމިޓީން އެ ލިސްޓަށް އުނި އިތުރު ގެނައުމުގެ ތުހުމަތުތަކެއް ކުރަން ފެށިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން، ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ކޮމިމިޓީ ރިޕޯޓިގައި އެ ލިސްޓު ހިމަނާފައިވާނެ ކަމަށާއި، އެ ލިސްޓު ރިޕޯޓުގައި ހިމަނާފައި ވަނީ، އެސެޓް ރިކަވަރީ ކޮމިޝަނުން ދިން ގޮތަށް އެއްވެސް އުނި އިތުރެއް ގެނައުމަކާ ނުލައި ކަމަށެވެ.

އެ ކޮމިޝަން ދިން ލިސްޓުތަކުގެ ތެރެއިން، ބޮޑު ހިނާނާތުގައި ބައިވެރިވެފައިވާ ދައުލަތުގެ މުވައްޒިފުންގެ ލިސްޓުވެސް ހިމަނާފައި ވަނީ ކޮމިޝަނުން ދިން ގޮތަށް އުނި އިތުރު ނުކޮށްކަމަށްވެސް އިންތި ވިދާޅުވިއެވެ.

ބޮޑު ހިޔާނާތުގެ ތުހުމަރު ކޮށްފައިވާ، ދައުލަތުގެ މުވައްޒިފުން ހިމެނޭ ލިސްޓުގައި 119 ފަރާތެއް ވަނީ ފާހަގަ ކޮށްފައެވެ.

އިންތި ވިދާޅުވީ، އެ ލިސްޓުތައް ހާމަކުރަން ހިމަނާފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކު ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެލިސްޓަށް އުނި އިތުރު ގެނައުމުގެ ވާހަކަތައް ދެކެވޭތީ އެ ކޮމިޓީގެ މެންބަރު، ތިމަރަ ފުށީގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމނުން، އެ ކޮމިޓީގެ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ، ހިޔާނާތުގެ ފައިސާ، ލިބުނުކަން ބޭންކުސްޓޭޓްމެންޓާއި ބޭންކުގެ އެހެނިހެން ލިޔެކިއުންތަކުން ނުވަތަ މީހެއްގެ ބަޔާނަކުން ނުވަތަ ޑިޖިޓަލް އެވިޑެންސްތަކުން މައުލޫމާތު ލިބިފައިވާ ފަރާތްތައް ކަމަށެވެ. އެހެންކަމުން މަޖިލިސް ކޮމިޓީއަށް އެލިސްޓު ވެރުފައިކުރަން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނުން ފޮނުވި ލިސްޓުގައި، ބައެް ކުންފުނިތަކުގެ މަގާމުތައް ގޯސްކޮށް ހިމަނާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންގެ ނަމާދިމާލުގައި މިހާރުގެ ބައެއް މެންބަރުންގެ ނަން ހިމެނުންފަ ބައިވަރު އިމްލާ ކުށްތައް ހިމެނޭ ކަމަށެވެ.

ނަަމަވެސް ކޮމިޓީންް ކުރި މަސައްކަތުގެ ސައްހަކަން ދެމެހެއްޓުމަށް ލިސްޓުގައި ހިމެނޭ އިމްލާކޫށްތަކަށްވެސް ބަދަލުގެނަސްފައިނުވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރާ ލިސްޓުގައި 281 މީހުން ހިމެނެއެވެ.