އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މިހާތަނަށް 13 ފަރާތްތަކަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ މައްސަލަ ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުނެފިއެވެ.

އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ޓީމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން 13 ފަރާތެއްގެ މައްޗަށް ދައުވާކުރަން މިހާތަނަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ތިން ފަރާތެއްގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހަތް ފަރާތެއްގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލި ޝަރީއަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައިވާ އިރު، ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްގަފޫރު 20 އަހަރަށް އަދި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ނަމަވެސް މި ތިން ބޭފުޅުންވެސް މިވަގުތު ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ގޭގައެވެ.

އިއްތި ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ބޮޑުބައެއް، އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު ގިނަ އަދަދެއްގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކަށް ޖަމާކުރުމުގެ އިތުރުން އެ ފައިސާ އިން ބައެއް ބޭންކުން، ވިޑްރޯ ކުރުމަށްފަހު ނަގުދު ފައިސާގެ ގޮތުގައިވެސް އެކި ފަރާތްތަކަށް ދީފައިވާކަން ހާމަ ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިންނާއި ޝަރުއީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުރުން ދައުލަތުގެ މުވައްޒަފުންނާއި އާންމު ފަރާތްތައް ހިމެނޭ ގޮތުން މިހާތަނަށް 300 ފަރާތެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ޖޮއިންޓް އިންވެސްޓިގޭޝަން ޓީމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލިސް ކޮމިޓީއަށް ފޮނުވި ލިސްޓުގައި ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް 281 ފަރާތެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ.