އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ފަރާތްތަކުގެ ތެރެއިން، ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކުގެ ތެރެއިން މަގާމުތަކުން ވަކި ކުރެވެން ތިބި ފަރާތްތައް އެ މަގާމުތަކުން ވަކިކުރަން ސަރުކާރަަށް ހުށަހަޅަން އެ މައްސަލަ ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން، އެ މައްސަލަ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މިންވަރު ބެލުމަށާއި، އެ މައްސަލަ ލަސްވަމުންދާ މައްސަލަ ބެލުމުގެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކުންނެވެ.
އެ މައްސަލަ ބަލައި އެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އެ ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް ދައުލަތުގެ އެކި މަގާމުތަކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އެކިއެކި މުއައްސަސާތަކާއި ކޮމިޝަންތަކާއި ކުންފުނިތަކާއި ސަރުކާރުގެ އެހެނިހެންވެސް މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ހިމެނޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، ތުހުމަތު ކުރެވޭ އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް
އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީ ރިޕޯޓުގައި އަށް ރެކޮމަންޑޭޝަނެއް ހުށަހަޅަން ހިމަނައިފައެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިސްވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަކަށް ވެފައި، ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާ ކަންކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ހުށަހަަޅަންވެސް ވަނީ ފާސްކޮށްފައެވެ.
އަދި އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ފަނީ ފާސްކޮށްފައެވެ.
ކޮމިޓީން ފާސްކުރި އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަހުގީގުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީން ނިންމި ރިޕޯޓު ދެން ހުށަހަޅާނީ މަޖިލިސް ތަޅުމަށެވެ،
ޚަބަރު
ޚަބަރު
ޚަބަރު