އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލުކުރުމަށާއި ގާނޫނު އަސާސީ އިސްލާހުކުރުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން އެތައް ފައިސާއެއް ދީފައިވާކަން ހާމަވެއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.
އެ ލިސްޓުން ދައްކާގޮތުގައި އަށާރަވަނަ މަޖިލީހުގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކަށް ވަކި ގޮތަކަށް ވޯޓު ދިނުމަށާއި ބިލުތަކާ މެދު ވަކި ގޮތަކަށް އަމަލުކުރުމަށާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މެންބަރުންނަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވެއެވެ.
ލިސްޓުގައިވާ ގޮތުން އަށާރަވަނަ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަރީފް (މަވޯޓާ ޝަރީފް) އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި އޭރު ތިމަރަފުށީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ ވެސް ވަނީ ފައިސާ ނަންގަވައިފައެވެ. އޭގެ ތެރެއިން ޝަރީފާއި އަލީ އާޒިމަކީ މި ހިނގާ ނަވާރަވަނަ މަޖިލީހުގެ ވެސް މެންބަރުންނެވެ.
އެ ބޭފުޅުންގެ ތެރެއިން ޝަރީފް 88.6 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ލިސްޓުން ދައްކައެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމާއި ބިލުތަކަކަށް ވަކި ގޮތަކަށް އަމަލުކުރުމަށް ނެންގެވި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.
އެ ލިސްޓުގައި އަށާރަވަނަ މަޖިލީހުގެ ޕީޕީއެމްގެ މަޖިލިސް މެންބަރުން ގިނަ އަދަދަކަށް ހިމެނޭ އިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރުންތަކެއް ވެސް ހިމެނެއެވެ.
ފައިސާ ނެންގެވި ކަމަށް ލިސްޓުގައި ދެން ހިމެނޭ އަށާރަވަނަ މަޖިލީހުގެ މެންބަރުންނަކީ ރިޔާޒް ރަޝީދު، އަސްއަދު އަލީ، އަލީ އާރިފް، މުހައްމަދު އަމީތު، އަހުމަތު ޠާރިގު (ޓޮމް)، އަބްދުﷲ ރިފާއު، އަހްމަދު ނިހާން ހުސައިން މަނިކު، އަލީ މުހައްމަދު، މަޖިލިސް ރައީސް އަބްދުﷲ މަސީހު، މަޖިލިސް ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)، ހުސައިން މަނިކު ދޮންމަނިކު، ހުސައިން މުހައްމަދު ލަތީފު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، އިބްރާހިމް ޝުޖާއު، އަސްމާ ރަޝީދު، އަބްދުﷲ ސިނާން، އިބްރާހިމް ފަލާހު، ސައުދު ހުސައިން، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، މުހައްމަދު އަރީފް، ޖައުފަރު ދާއޫދު، އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)، އިބްރާހިމް ރިޒާ، އަބްދުލް ލަތީފް މުހައްމަދު، ނާޒިމް ރަޝާދު، ޔާމީން ރަޝީދު، އިބްރާހިމް ނަސީރު، އަލީ ހުސައިން، މުހައްމަދު އަބްދުﷲ (މުހައްމާ)، އިލްހާމް އަހުމަދު، އަބްދުﷲ އަހުމަދު (އަބުޅޯ)، އަހުމަދު މުބީން، އަހުމަދު އާމިރު، މުހައްމަދު އިސްމާއީލް، މުއާޒް މުހައްމަދު ރަޝީދު، އަހުމަދު ޝިޔާމް، އަހުމަދު ނާޒިމް، މުހައްމަދު ޝާހިދު، ޖަމީލް އުސްމާން، އަހުމަދު އަޒްހާން ފަހުމީ، އަހުމަދު ރަޝީދު އިބްރާހިމް (ގާރީ)، ސައުދުﷲ ހިލްމީ، އަހުމަދު ރަޝީދު (ގައްދޫ)، އަލީ ޝާހު، އިބްރާހިމް ދީދީ އަދި އަލީ ފަޒާދެވެ.
އެ މެންބަރުންގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަތު ޠާރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަކީ މި ހިނގާ ނަވާރަވަނަ މަޖިލީހުގެ ވެސް މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު