Close
ޚަބަރު

ބޮޑު ހިޔާނާތުގެ ލިސްޓު: ޒަހާ އަދި މަލީހަށް ވެސް ދެ ލައްކަ ރުފިޔާ!

މި ސަރުކާރުގެ ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.

ލިސްޓުގައިވާ ގޮތުން މަލީހަށް ލިބިވަޑައިގެންނެވީ ދެ ލައްކަ ރުފިޔާއެވެ. އެއީ 2014 ވަނަ އަހަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ކާރު ތެރޭގައި ހަވާލުކުރި ފައިސާ ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) މައުލޫމާތު ދީފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

ލިސްޓުގައިވާ ގޮތުން މަލީހެކޭ އެއްގޮތަށް ޒަހާއަށް ވެސް ލިބިވަޑައިގެންނެވީ ދެ ލައްކަ ރުފިޔާއެވެ. އެ ފައިސާއަކީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 20ގައި ޒަހާއަށް ދިން ފައިސާ ކަމަށް އޮއިއްޓޭގެ ފޯނުގައި ނޯޓުކޮށްފައިވާ އަދަދު ކަމަށް ލިސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. މަލީހު މަގާމުން ވަކިކުރުމުން އޭނާ މިހާރު މަސައްކަތްކުރައްވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކުއެވެ. މިނިސްޓަރުކަމުގެ މަގާމުން ޒަހާ އިސްތިއުފާދެއްވާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.