އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމާއެކު ލީގުގައި ބާކީ ތިން މެޗު އޮއްވައި މެންޗެސްޓާ ސިޓީއަށް ލީގު ޔަގީންވެއްޖެއެވެ.
މިރޭ ކުޅުނު މެޗު ލެސްޓާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗަށް ޔުނައިޓެޑުން ތަފާތު ފުރަތަމަ 11 އެއް ނެރެފައިވާ އިރު، އެޓީމުން ޔޫރޮޕާ ލީގުގެ ފައިނަލަށް ވިސްނާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ސަޕޯޓަރުންގެ މުޒާހަރާތަކާއެކު މިދިޔަ ހަފުތާ ކުޅެން އޮތް ލިވަޕޫލް މެޗު ނުކުޅެވި އޮތުމުން، އެ މެޗުވެސް މި ހަފުތާގައި ޔުނައިޓެޑަށް ކުޅެން ޖެހެއެވެ. އެ ހަފުތާ ތެރޭގައި ތިން މެޗު ކުޅެން ޖެހުމާއެކު ޔުނައިޓެޑުން ގިނަ ކުޅުންތެރިންތަކަކަށް މިރޭގެ މެޗުގައި ރެސްޓު ދިންކަން ފާހަގަވެފައިވެއެވެ.
ލެސްޓާގެ ޒުވާން ތަރި ތޯމަސް، މެޗުގެ ކުރީކޮޅުގައި އެޓީމަށް ލީޑު ނަގައިދިން އިރު، އަނެއްކޮޅުން މިވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާ މޭސަން ގްރީންވުޑް ވަނީ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ދިޔަ އިރު، ދެޓީމުގެ ކުޅުންވެސް ފެނުނީ ދާދި ހަމަހަމަކޮށެވެ. ދެވަނަ ހާފުގައި އިލަނާޗޯގެ ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކޮށްފައިވާ އިރު، ލެސްޓާއިން ލީޑު ނެގީ 66 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެޑިސަންގެ ކޯނަރު ބޮލުން ގޯލަށް ވައްދާލީ ސޮޔުންޗީއެވެ.
ސިޓީން ލީގު ޔަގީން ކޮށްފައި ވަނީ 35 މެޗުން 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، ބާކީ އޮތް ތިން މެޗުން ޔުނައިޓެޑަށް ސިޓީއާ ހަމައެއް ނުކުރެވޭނެއެވެ. މިދިޔަ 10 އަހަރު ތެރޭގައި ސިޓީން ފަސް ފަހަރަށް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިއީ މިދިޔަ ހަތަރު އަހަރު ތެރޭގައި އެޓީމުން ލީގު ތަށި ހޯދި ތިންވަނަ ފަހަރެވެ.
ސިޓީން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް އޮތް އިރު، އެޓީމުން މޭ 29 ވަނަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު