މާދަމާއަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށާއި ފިތުރު އީދަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ހަނދު ސާބިތުކުރުމަށް އޮންލައިންކޮށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މެއި މަހުގެ 12 ވާ ބުދަ ދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހު ކަމުގައްޔާއި، މިހިނގާ މޭ މަހުގެ ބުރާސްފަތި ދުވަހަކީ 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" ހަނދު ސާބިތު ކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ މިއަހަރުގެ އީދު ނަމާދުުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ވެސް ވަނީ އަންގައިފިއެވެ. އެހެންކަމުން މާލޭގައި މިއަހަރުގެ އީދު ނަމާދު ޖަމާއަތުގައި ނުކުރާނެއެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންގައި ނެތް ރަށް ރަށުގައި ޖަމާއަތުގައި އީދު ނަމާދު ކުރާނެއެވެ.
މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަނެއްކާވެސް އަންގާފައި މިވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 1،204 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 961 މީހުން ޕޮޒިޓިވްވީ މާލޭ ސަރަހައްދުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު