މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ އެއް ހަފުތާގެ މުއްދަތަށެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރިއެވެ. މިސްކިތްތަކުގައި ކައިރިކައިރީ ސަފު ހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަށް އެންމެ ފަހުން ހުއްދަ ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުއެވެ.
މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަނެއްކާވެސް އަންގާފައި މިވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 1،204 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 961 މީހުން ޕޮޒިޓިވް ވީ މާލޭ ސަރަހައްދުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފައެވެ. އަދި ކެފޭ/ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު