މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ، އިތުރު އެއް ސީޒަނަށް އެ ކްލަބުގައި މަޑުކުރުމަށް އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 34 އަހަރުން ކަވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މި ސީޒަނަށް ޔުނައިޓެޑަށް ބަދަލު ވެ، އެ ކްލަބާއެކު މިހާތަނަށް ހޭދަކޮށްފައި ވަނީ ކާމިޔާބު ސީޒަނެކެވެ. އެންމެފަހުން ކުޅުނު ހަތް މެޗުން އަށް ގޯލް ޖަހާފައިވާއިރު، އޭނާއަކީ ހަމައެކަނި ގޯލް ޖެހުންތެރިއެއް ނޫން ކަމަށް ކޯޗު އޮލް ގުނަ ސޮލްސްޖާ ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް ޔުނައިޓެޑުން ނުކުންނަ ހުރިހާ ބޮޑެތި މެޗުތަކެއްގައި ކަވާނީގެ ތަފާތު ފެންނަ ކަމަށާއި، ޔޫރޮޕާ ލީގުގެ ފައިނަލަށް ކްލަބު ގެންދިޔުމުގައިވެސް ކަވާނީގެ ދައުރު ބޮޑު ކަމަށް ކޯޗު ސޮލްސްޖާ ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނުގައިވެސް ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް އިއުލާން ކުރަމުން ކަވާނީ ބުނެފައި ވަނީ ކްލަބު ރަމްޒުކޮށްދޭ ހުރިހާ ކަމަކާއެކު ކްލަބަށް ހާއްސަ ލޯތްބެއް ޖެހިއްޖެ ކަމަށާއި، ކުޅުންތެރިންނާއި ހުރިހާ ސްޓާފުންނާވެސް މަދު ދުވަސް ކޮޅަކުން މުހިއްމު ގުޅުމެއް އުފެދިއްޖެ ކަމަށެވެ.

މި ސީޒަންގައި ޖުމުލަ 15 ގޯލް ކަވާނީ ޖާހާފައިވާއިރު، އޭނާއަކީ މިދިޔަ 10 އަހަރު ތެރޭގައިވެސް ޔޫރަޕް ދުށް އެންމެ ކާމިޔާބު އެއް ފޯވަޑެވެ. 301 މެޗުން 200 ގޯލް ކަވާނީ ޕީއެސްޖީގައިވެސް ކާމިޔާބު ކޮށްފައިވާއިރު، އޭގެ ކުރިން ނަޕޯލީގައިވެސް ކަވާނީ ވިދާލިއެވެ. އޭގެ އިތުރުން އޭނާއަކީ އުރުގުއޭގެވެސް ފުޓުބޯޅަ ލެޖެންޑެކެވެ.